17 Jun 2013, 13:11
ފޭދޫ ފިނޮޅާއި ތިލަފުއްޓާ ދެމެދު ސަރަހައްދުގައި އަޅާފައި އޮތް މަސް ބޯޓަކުން ކަނޑަށް ފުންމާލި ބިދޭސީ ތިން މީހަކު ޑިންޑީއަކަށް ނެގުމަށް ފަހު ފުލުހުންނާ ހަވާލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު 5:30 އެހާކަންހާއިރު ކަމަށާއި އެ ތިން މީހުން ސަލާމަތްކޮށްފައި ވަނީ އެ ތިން މީހުން އޮޔާދަނިކޮށް ފެނިގެން، އެ ސަރަހައްދަށް ވަދާނުކުމެ އުޅުނު ކުޑަ ޑިންގީއަކުން ކަމަށެވެ.
ޔޯޔޯ ނަމަކަށް ކިޔާ އެ މަސްބޯޓުން ފުންމާލި ބިދޭސީ ތިން މީހުންނަކީ މިޔަންމާގެ ތިން މީހުން ކަމަށާއި އެމީހުން ކަނޑަަށް ފުންމާލީ ފާއިތުވި ތިން މަސް ދުވަހުގެ މުސާރަ ނުލިބިގެން އެނބުރި ގައުމަށް ދިއުމަށް، މާލެ އައުމަށް ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ލަފާކުރެވޭ ގޮތުގައި އެ ބޯޓަކީ ރާއްޖޭގެ އެޖެންޓުންނާ ގުޅިގެން ބޭރަށް މަސް ބޭރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބޭރުގެ މަސް ބޯޓެއް،" އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.