ވިލާ އެއާގެ ފުލައިމީގެ ދަތުރުތައް ގދ. ކާޑެއްދޫ އާއި ލ. ކައްދޫ އަށް އަންނަ ޖުލައި މަހު ފެށުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފްލައިމީގެ މެނޭޖިން ޑިރެކްޓާ ރިލްވާން ޝަރީފް މިއަދު ވިދާޅުވީ އެ ދެ އެއާޕޯޓަށް ފުލައިމީގެ ދަތުރުތައް ފެށިގެން ދިއުމަކީ އެ އެއާލައިންގެ ހިދުމަތް ރާއްޖޭގެ ހުރިހާ އެއާޕޯޓްތަކަށް ދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ.

"ފްލައިމީގެ ހިދުމަތްތައް ކާޑެއްދޫ އަށާއި ކައްދޫ އަށް ފެއްޓުމުން އެހިސާބުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ވެގެންދާނެ. އަދި އެދެ އަތޮޅާއި ކައިރި އަތޮޅުތަކުގެ ވައިގެ ދަތުރުފަތުރުތައް ގުޅިގެންދާނެ،" ރިލްވާން ވިދާޅުވި އެވެ.

ކާޑެއްދޫ އާއި ކައްދޫއަށް ދަތުރުތައް ފެށުމަށް ނިންމާފައި ވީނަމަވެސް އެ ދަތުރުތައް ކުރާ ޝެޑިއުލްއެއް އަދި އަގުތަކެއް ވެސް ފުލައިމީ އިން އަދި ހާމަކޮށްފައިނުވެ އެވެ.

ފްލައިމީ އިން އިތުރަށް ބުނީ އެ ދެ އެއާޕޯޓަށް ދަތުރުތައް ފެށުން ފާހަގަކުރުމުގެ ގޮތުން އެއާލައިންއިން "ވަޓުސް ނެކެސްޓް" ނަމުގައި ސޯޝިއަލް މީޑިއާގައި ޕްރޮމޯޝަނެއް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން އެޕުރޮމޯޝަންގައި އެ އެއާލައިންއިން އެންމެ އަވަހަށް ދަތުރު ފައްޓާ މަންޒިލްތަކައް ދިމާ ކުރާ ބޭފުޅުންގެ މެދުގައި ނަގާ ގުރުއަތަކުން ހޮވޭ ފަރާތަކަށް ރޯޔަލް އައިލެންޑް ރިސޯޓްގައި ދެ ބޭފުޅަކަށް ދެ ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.