17 Jun 2013, 12:53
އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕްގެ ބައެއް މެޗުތައް ކުޅުމަށް ހަމަޖައްސާފައިވާ ގަލޮޅު ރަސްމީ ބޯޅަ ދަނޑު، މަރާމާތު ކުރުމަށް ބަޔަކު ހޯދުމަށް އިއުލާނު ކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.
ކުޅިވަރާބެހޭ ވުޒާރާއިން ބުނީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ގަލޮޅު ދަނޑުގައި ކުރަންޖެހޭ މައިގަނޑު މަރާމާތަކީ އެ ދަނޑުގެ ރޮސްޓްރަމް ހިމެނޭ ސަރަހައްދު އޭއެފްސީ ގަބޫލު ކުރާ ފެންވަރަކަށް ތަރައްގީ ކުރުން ކަމަށެވެ. އެގޮތުން ދަނޑުގެ މަސައްކަތް ނިމޭއިރު ޓީމުތަކުގެ ކުޅުންތެރިންނާއި، އޮފިޝަލުންނާއި މީޑިޔާގެ ފަރާތްތައް ދަނޑަށް ވަދެ ނުކުމެ ހަދާއިރު މިހާރަށް ވުރެ ފަސޭހަވާނޭ ކަމަށާއި އަދި ދަނޑަށް ވަޑައިގަންނަވާ ހާއްސަ މެހެމާނުންނަށް ފަސޭހަކަމާއެކު މެޗް ބަލައިލެވޭނޭ ގޮތަށް އެސަރަހައްދަށް ބޮޑެތި ބަދަލު ތަކެއް ގެނެވޭނޭ ކަމަށެވެ.
އެވުޒާރާއިން ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ކުރީ ކޮޅު މާލެއާއި އައްޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖުކަޕަށް ގަލޮޅު ދަނޑު ތައްޔާރުކޮށް ނިމޭއިރު އެތަނުގައި މެޗު ކޮމިޝަނަރާއި ރެފްރީންން ތިބޭނޭ ތަނަކާއި، ޕްރެސް ރޫމެއްގެ އިތުރުން މީޑިޔާ ތަކަށް ހާއްސަކުރެވިގެން ރޫމްތަކެއް ތައްޔާރު ކުރެވޭނޭ ކަމަށެވެ.
މިދިޔަ މަހު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކުޅިވަރާބެހޭ ވަޒީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެފައިވަނީ، ޗެލެންޖްކަޕަށް ތައްޔާރުވުމުގެ ގޮތުން ގަލޮޅު ދަނޑަށް ވަރަށްބޮޑެތި ބަދަލުތަކެއް ގެނެސް މުޅި ގަލޮޅު ދަނޑު އެއްކޮށް "އޯވަހޯލް" ކުރަން ނިންމާފައިވާ ކަމަށެވެ.