ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމްގެ އަތުން ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ނަންގަވާފައިވާ 2.55 މިލިޔަން ރުފިޔާގެ ތެރެއިން ތަސްމީން ނުދައްކަވައި އޮތް 1.9 މިލިއަން ރުފިޔާ ދައްކަވަން ޖެހޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމް މާދަމާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ތަސްމީންގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަސްމީންގެ ގާނޫނީ ވަކީލު ޝަހީމް އަހްމަދު މިއަދު ވިދާޅުވީ ހައިކޯޓުން އެ މައްސަލަ ނިންމާފައި އޮތްގޮތުން ހިތްހަމަނުޖެހޭ ނުކުތާއެއް އެބައޮތް ކަމަށާއި އެހެންކަމުން މާދަމާ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

"މާދަމާ ޔަގީނުން ވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ވަންނާނެ. މި މައްސަލަ ނިމިފައި އޮތްގޮތުން އަޅުގަނޑުމެންނަށް މީގަ ހިތްހަމަ ނުޖެހޭ ނުކުތާއެއް އޮތީމަ. ހައިކޯޓުން ވެސް އެކަން ސާފުކޮށްދެވިފައި އޮތްކަމަށް އަޅުގަނޑުމެންނަށް ގަބޫލު ނުކުރެވޭތީ މި މައްސަލަ ސުޕްރީމް ކޯޓަށް ވައްދާނަން،" ޝަހީމް ވިދާޅުވި އެވެ.

ހައިކޯޓުން މައްސަލައެއް ނިންމާތާ 90 ދުވަސް ހަމަވުމުގެ ކުރިން އެ މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ކޮންމެ މީހަކަށް ވެސް ގާނޫނީ ގޮތުން ލިބިފައިވާ ހައްގުގެ ބޭނުން ތަސްމީން ކުރައްވާނެ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ ހައިކޯޓުން މައްސަލަ ނިންމިތާ އަދި 90 ދުވަސް ހަމަނުވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ތަސްމީންގެ ޕާސްޕޯޓު ހިފެހެއްޓިކަމެއް ވަކީލަށް ވެސް އަދި ތަސްމީނަށް ވެސް ކޯޓުން އަންގާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ތަސްމީން އުޅުއްވަނީ ފައިސާ ނުދައްކަވަން ނޫން ކަމަށާއި ސުޕްރީމް ކޯޓު މަރުހަލާ ނިމުމުން ތަސްމީން އެފައިސާ ދައްކަވާނެ ކަމަށެވެ.