ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީ ރަށްރަށުގައި ހަދާ ބަނދަރުތަކުގެ މަސައްކަތްތަކަށް ޖީއެމްއާރުން 18،000 ޓަނުގެ ބޮޑު ހިލަގަނެފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީގެ ސީނިއާ ޕަބްލިކް ރިލޭޝަން އޮފިސަރު މަރިޔަމް ޝުހާނާ މިއަދު "ސަން" އަށް ވިދާޅުވީ އެކުންފުނިން ގަނެފައިވާ 18،000 ޓަނުގެ ހިލަ އަކީ އިންޑިއާގެ ޖީއެމްއާރް ކުންފުނިން ރާއްޖޭގައި ކުރި މަސައްކަތަކަށް ގެނެސްފައިވާ ހިލަތަކެއް ކަމަށެވެ.

އަދި އެހިލަތައް ލިބުމުގެ ސަބަބުން މިހާރު މަސައްކަތް މެދުކެނޑިފައިވާ ފަސް ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ފެށޭނެ ކަމަށް ޝުހާނާ ވިދާޅުވި އެވެ.

"ހިލަ ލިބުމުގެ ސަބަބުން ހަފްތާއެއްގެ ތެރޭގައި ބަނދަރުތައް ހެދުމުގެ މަސައްކަތް އަނބުރާ ފެށޭނެ. ދެން މިހާރު ކުރަމުންދާ މަސައްކަތަކީ އެހިލަތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް،" ޝުހާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ލިބިފައިވާ 18،000 ޓަނުގެ ހިލައިން ހަތަރު ރަށުގެ ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށާއި އަދި އަނެއް ރަށަށް ބޭނުންވާ ހިލަ ވަރަށް އަވަހަށް ލިބޭނެކަމަށެވެ.

ބޮޑު ހިލަ ނުލިބުމުގެ ސަބަބުން ބަނދަރު ހެދުމުގެ މަސައްކަތް މެދުކެނޑިފައި ވަނީ ނ. މަނަދޫ އާއި ރ. އުނގޫފާރުގެ އިތުރުން ށ. ކޮމަންޑޫ އާއި ފ. ފީއަލީ އާއި މ. މުލަކު އެވެ.