އިންޑިއާ ކަނޑުގެ އައްސޭރިފަށުގައި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ކުރާ މަސްވެރިކަން މެނޭޖުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ކަނޑައަޅަން ޖެހޭ ސިޔާސަތުތައް ކަނޑައެޅުމާ ގުޅޭ ބައްދަލުވުމެއް ރާއްޖޭގައި ފެށިގެން ކުރިއަށް އެބަ ދެ އެވެ.

އިންޑިއަން އޯޝަން ޑެވެލޮޕިންގް ކޯސްޓަލް ސްޓޭޓްސް ޓޫނާ ފިޝަރީޒް މެނޭޖުމަންޓް އެންޑް އެލޮކޭޝަން މީޓިންގްގެ ނަމުގައި ޓްރޭޑާސް ހޮޓެލްގައި ކުރިއަށްދާ މިބައްދަލުވުމަކީ ކުރިއަށް އޮތް ޒަމާންތަކަށް ދެމެހެއްޓޭނެ މަސްވެރިކަމެއް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ކަނޑައެޅުމަށް އިންޑިއާ ކަނޑުގެ އައްސޭރިފަށުގައިވާ ގައުމުތަކުގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ.

ރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ އިސްނެންގެވުމުގެ ދަށުން ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ވޯލްޑް ވައިލްޑްލައިފް ފަންޑު (ޑަބްލިޔުޑަބްލިޔުއެފް)ގެ އެހީތެރިކަމާ އެކު ކުރިއަށްދާ މިބައްދަލުވުމުގައި "ހާވެސްޓް ސްޓްރެޓެޖީ ފުރޭމްވޯކް" އާއި "ރައިޓްސް ބޭސްޑް މެނޭޖުމަންޓް އެޕްރޯޗް" އަދި ކޯޓާ ކަނޑައެޅުމުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށް އެކަމަށް ބޭނުންވާ އޮނިގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ދެ ދުވަހަށް ކުރިއަށްދާ މިބައްދަލުވުމާ ގުޅޭ ގޮތުން ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މެރިން ރިސާޗު ސެންޓާ (އެމްއާރުސީ)ގެ ޑިރެކްޓާ ޖެނެރަލް ޑރ. ޝިހާމް އާދަމް ވިދާޅުވީ މިޖަލްސާގެ ބޭނުމަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ގައުމުތައް ގުޅިގެން މައްސަލަތަކަށް ހައްލު ހޯދާ އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ގުޅިގެން ކުރިއަށް ގެންދިއުން ކަމަށެވެ.

އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން އެންމެ ފަހުން ފާސްކޮށްފައިވާ މަސްވެރިކަމުގައި ޕްރިކޯޝަނަރީ އެޕްރޯޗް ބޭނުންކުރުމުގެ ގަރާރާ ގުޅޭ ކަންކަން މިބައްދަލުވުމުގެ ތެރެއިން ނިންމޭނެ ކަމަށް ޑރ. ޝިހާމް ވިދާޅުވި އެވެ.

"ޕްރިކޯޝަނަރީ އެޕްރޯޗް ބޭނުންކުރުމަށް ޓަކައި ގައުމުތަކުން އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ. އޭގެ ތެރޭގައި ސްޓޮކް ވަކިވަރަކަށް ވުރެ ދަށަށް ގޮސްފިއްޔާ އަޅަން ޖެހޭ ފިޔަވަޅުތައް، ހާވެސްޓް ކޮންޓްރޯލް ރޫލްސް ފަދަ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވޭނެ،" ޑރ. ޝިހާމް ވިދާޅުވި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ވޯލްޑް ވައިލްޑްލައިފް ފަންޑުގެ ޓޫނާ މެނޭޖާ ޑެނިއަލް ސަޑަބީ ވިދާޅުވީ މިބައްދަލުވުން ނިންމާލުމަށް ފަހު ބައިވެރިވާ ގައުމުތަކުގެ ފަރާތުން އައިއޯޓީސީގައި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ބާރުއެޅުމަށް މަސައްކަތްކޮށް އެކަމާ ގުޅޭ ގަރާރުތަކަށް ބައިވެރިވާ ގައުމުތަކުން ތާއީދުކުރުމަށް ކޮމިޓްމަންޓެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

"ޑަބްލިޔުޑަބްލިޔުއެފްގެ ބޭނުމަކީ މަސްވެރިކަން ކުރެވޭ ކަނޑުގެ ސަރަހައްދުތަކުގެ އީކޯ ސިސްޓަމްތައް ހިމާޔަތްކޮށް މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭ މަސްވެރިކަމެއް ކަން ޔަގީންކުރުން. މިބައްދަލުވުމަށް ފަހު ބައިވެރިވާ ގައުމުތަކުގެ ފަރާތުން އެކަމަށް ކޮމިޓްމަންޓެއް ލިބޭނެ ކަމަށް އުއްމީދުކުރަން." ސަޑަބީ ވިދާޅުވި އެވެ.

ރާއްޖޭގައި ކުރިއަށްދާ މިބައްދަލުވުމުގެ ގައުމުތަކުގެ މަންދޫބުންގެ އިތުރުން މަސްވެރިކަމާއި މެރީން ބައޮލޮޖީއާ ބެހޭ ތަޖުރިބާކާރުން ބައިވެރިވެ، މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.