ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގައި ކްލަބް ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗު 1-1 ން އެއްވަރުކޮށް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފި އެވެ.

ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް 12 މެޗު ކުޅެފައިވާ އިރު، އޭވައިއެލްއަށް ހަތަރުވަނަ ލިބެނީ 14 ޕޮއިންޓު ލިބިގެންނެވެ. އަދި 17 ޕޮއިންޓާއެ ވެލެންސިޔާ ތިން ވަނައިގައި އޮތް އިރު، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 36 ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައިގައި އޮތީ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބެވެ. އަދި 24 ޕޮއިންޓާއެކު ދެވަނައިގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.

އިއްޔެގެ މެޗުގައި ފެނިގެން ދިޔަ ދެލަނޑުވެސް ކާމިޔާބު ކޮށްފައިވަނީ ފަހުހާފުގަ އެވެ. އެގޮތުން 57 ވަނަ މިނިޓުގައި ވެލެންސިޔާއަށް މެޗުގެ ކުރި ހޯދައިދިނީ، އަބްދުލް ރަޝީދު މާހިރު އެވެ. އަދި 71 ވަނަ މިނިޓުގައި އޭވައިއެލް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އަބޫ ޑެސްމޮންޑް މަންސާރޭ އެވެ.

ލީގު ތާވަލުގެ ފަސް ވަނައިގައި އޮތް ބީޖީ ސްޕޯޓްސްއާއި ހަ ވަނައިގައި އޮތް ކުލަބް އީގަލްއަށް ލިބިފައި ވަނީ 13 ޕޮއިންޓެވެ. އަދި 11 ޕޮއިންޓާއެކު ހަތް ވަނައިގައި ވިކްޓަރީ ސްޕޯޓްސް ކްލަބް އޮތް އިރު 9 ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތީ ވީބީ އައްޑޫ އެފްސީ އެވެ.

ދިރާގު ދިވެހި ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރު 4:00ގަ އެވެ. އެ މެޗުގައި ވާދަކުރާނީ ނިއުއާއި ވިކްޓަރީ އެވެ.