ކޮންފެޑެރޭޝަންސް ކަޕް، ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ރޭ އުރުގުއޭ އަތުން 2-1 ލަނޑުން މެޗުކާމިޔާބުކޮށް ދުނިޔޭގެ ޗެމްޕިއަން ސްޕެއިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން، ރީތި ޕާސިން ގޭމެއް ކުޅެމުން ގެންދިޔަ ޔޫރަޕްގެ ޗެމްޕިއަނުންނަށް މެޗުގެ ލީޑު ނަގައިދިނީ 20 ވަނަ މިނިޓުގައި ޕެޑްރޯ އެވެ. އަދި އޭގެ 12 މިނިޓުފަހުން ފަބްރިގާސް ތަނަވަސްކޮށްދިން ފުރުސަތަކުން ސްޕެއިންގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮބާޓޯ ސޮލްޑާޑޯ އެވެ. މެޗުގެ ގިނަ ވަގުތު ބޯޅަފައިގައި ޖެހޭތޯ މަސައްކަތްކުރަމުން ގެންދިޔަ އުރުގުއޭ ކާމިޔާބުކުރި ހަމަ އެކަނި ލަނޑު، 88 ވަނަ މިނިޓުގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.

މެޗަށްފަހު ސްޕެއިންގެ ކޯޗް ވިންސެންޓް ޑެލް ބޯސްކް ބުނީ، ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް އޭނާގެ ޓީމު ކުޅުނު ކަމަށާއި، އެހެން ނަމަވެސް ފަހުހާފުގައި އެހާ ރަނގަޅަށް ނުކުޅެވުނީ، މޫސުމުގެ ސަބަބުން ކުޅުންތެރިންގެ ބުންވަރަށް އަސަރު ކޮށްފައި ވާތީ ކަމަށެވެ.

އުރުގުއޭ ކޯޗް އޮސްކާ ތަބަރޭޒް ބުނީ، އެ މެޗުގައި ބޮޑު ލަދެއްގައި ނުބެދި ސަލާމަތްވީ ހަމަ ނަސީބަކުން ކަމަށާއި، ފަހުހާފުގައި އޭނާގެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ.

އުރުގުއޭއަށް ލަނޑު ކާމިޔާބުކޮށްދިން ލިވަޕޫލްގެ ފޯވަޑް ލުއިސް ސުއަރޭޒް ބުނީ މެޗެއްގައި އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކޮށްލެވޭނީ "ބޯޅަ ލިބިގެން" ކަމަށެވެ. އަދި ސްޕެއިން އަކީ މުޅި ދުނިޔޭގެވެސް އެއްވަނަ ކަމަށާއި އޭނާ ދެކޭ ގޮތުގައި ވޯލްޑްކަޕް ކާމިޔާބުކުރާނީވެސް ސްޕެއިން ކަމަށެވެ.

ކޮންފެޑެރޭޝަންސް ކަޕްގެ މެޗެއް މިރޭވެސް ކުޅޭނެ އެވެ. ރާއްޖޭ ގަޑިން މިރޭ 12:00ގައި ފެށުމަށް ހަމަޖެހިފައިވާ ގްރޫޕް "ބީ"ގެ މެޗުގައި ބައްދަކު ކުރާނީ އޯޝޭނިއާ ސަރަހައްދުގެ ޗެމްޕިއަން ޓަހިޓީއާއި އެފްރިކާގެ ޗެމްޕިއަން ނައިޖީރިއާ އެވެ.