ޑީއާރުޕީގެ ލީޑަރު އަދި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކޯލިޝަންގެ ރަނިންމޭޓު އަހްމަދު ތަސްމީނު އަލީގެ ޕާސްޕޯޓު ހިފަހައްޓައި އެކައުންޓްތައް ފުރީޒުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުން ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

މިއަދު ސިވިލް ކޯޓުން އެ ގޮތަށް އަމުރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ އަތުން ތަސްމީން ނަންގަވާފައިވާ 2.55 މިލިޔަން ރުފިޔާގެ ތެރެއިން ތަސްމީން ނުދައްކަވައި އޮތް 1.9 މިލިއަން ރުފިޔާ ދައްކަވަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވާތީ އެ ހުކުމް ތަންފީޒު ކުރުމަށް ނާޒިމް ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ތަސްމީނުގެ ގާނޫނީ ވަކީލު ވިދާޅުވީ ތަސްމީންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ ސުޕްރީމް ކޯޓު މަރުހަލާ އަށް އަދި ނުދާ ކަމަށާއި އެ މަރުހަލާއަށް ދިޔުމުން ދެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

ނާޒިމްގެ ގާނޫނީ ވަކީލު ވިދާޅުވީ ސާބިތު ދަރަނީގެ މައްސަލަތަކުގެ ޝަރީއަތަށް ދަރަނި ނުދައްކާ ފަރާތް ޝަރީއަތަށް ހާޒިރުކުރާ ކަމަށާއި ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ތަސްމީން ހާޒިރުވެވަޑައިގެންފައި ނުވާ ކަމަށެވެ.

ގާޒީ ވިދާޅުވީ އެ އުސޫލު ހަމަޖެހިފައި އޮންނަގޮތަކީ ދައުވާ ކުރާފަރާތާއި ދައުވާ ރައްދުވާ ފަރާތް އެއްބަސްވާ ނަމަ ދައުވާ ރައްދުވާ ފަރާތް (ސާބިތު ދަރަނި ދައްކަވަން ޖެހޭ ފަރާތް) ކޯޓަށް ހާޒިރުނުކުރާނެ ކަމަށެވެ. ނަމަވެސް ދައުވާ ކުރާފަރާތުން އެދިއްޖެ ނަމަ ދައުވާ ރައްދުވާ ފަރާތް (ސާބިތު ދަރަނި ދައްކަވަން ޖެހޭ ފަރާތް) ކޯޓަށް ހާޒިރުކުރަން ޖެހޭނެ ކަމަށާއި އެހެންކަމުން ދެން އޮންނަ ޝަރީއަތުގެ މަޖިލީހަށް ތަސްމީން ހާޒިރު ކުރައްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ނާޒިމް ތަސްމީނުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 2008 ވަނަ އަހަރު އޭނާގެ އަތުން ތަސްމީނު ނަންގަވާފައިވާ 200،000 ޑޮލަރުގެ ތެރެއިން ނުދައްކަވައި 1.92 މިލިއަން ރުފިޔާ ހޯއްދެވުމަށެވެ. އެ މައްސަލާގައި ސިވިލް ކޯޓުން 2011ގައި ކަނޑައަޅާފައި ވަނީ ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރުމަށެވެ.