ޕްރާގް (ޖޫން 17): ޗެކްރިޕަބްލިކްގެ ބޮޑުވަޒީރުގެ އިސް އެހީތެރިއެއްގެ ގޮތުގައި ޙަރަކާތްތެރިވާ އަންހެން ބޭފުޅެއްގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން މަޤާމުން އިސްތިއުފާ ދެއްވުމަށް އެގައުމުގެ ބޮޑުވަޒީރު ޕީޓާރ ނިކާސް ނިންމަވައިފި އެވެ.

ނިކާސް އިއްޔެ ވިދާޅުވީ މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށާއި ވެރިކަންކުރާ ކޯލިޝަނުން އޭނާގެ ބަދަލުގައި އެހެން ބޭފުޅަކު ބޮޑުވަޒީރު ކަމަށް ހަމަޖެއްސުމަށް މިހާރު މަސައްކަތް ކުރަމުންގެންދާ ކަމުގަ އެވެ. ނިކާސްގެ އިސްއެހީތެރިއެއްގެ ގޮތުގައި އޭނާގެ ސަރުކާރުގެ މަތީފަންތީގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ އަންހެން ބޭފުޅެއް ކަމަށްވާ ޔާނާ ނަގްޔޫފާގެ މައްޗަށް އެގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ކޮރަޕްޝަނާއި މަޤާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ކުރެއްވި ކަމުގެ ތުހުމަތުކުރައްވާފަ އެވެ.

މިތުހުމަތުތަކާ ގުޅިގެން ޔާނާ އާ ގާތްގުޅުންތަކެއް އޮތް ޕާލަމެންޓްގެ ކުރީގެ ދެމެންބަރަކާ ކުރީގެ ވަޒީރަކާ އަދި މިހާރުގެ ޖާސޫސީ އިދާރާގެ ވެރިޔާ އާއި އެއިދާރާގެ ކުރީގެ ވެރިޔާވެސް ޗެކްރިޕަބްލިކްގެ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. ޔާނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނާއި މަޤާމުގެ ނާޖާއިޒް ފައިދާ ނެންގެވިކަމުގެ ތުހުމަތުތަކާ ގުޅިގެން ޗެކްރިޕަބްލިކްގެ ފުލުހުން ވަނީ އެގައުމުގެ ސަރުކާރުގެ ބައެއް އޮފީސްތައް ވެސް ބަލައި ފާސްކޮށްފަ އެވެ.

ޗެކްރިޕަބްލިކްގެ ރައީސް މީލުޝް ޒީމާން ވަނީ ޔާނާ ނަގްޔޫފާގެ މައްޗަށް ކުރެވިފައި ވަނީ ވަރަށް ނުރައްކާތެރި ތުހުމަތުތަކެއް ކަމަށް ސިފަކުރައްވާފަ އެވެ. ބޮޑުވަޒީރު ޕީޓާ ނިކާސް އާ ޒަމާންވީ ގާތް ގުޅުންތަކެއް އޮންނަ ނުފޫޒު ގަދަ އަންހެނެއް ކަމަށްވާ ޔާނާ ނަގްޔޫފާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި ޕާލަމެންޓްގެ ބައެއް މެންބަރުންނަށް ފައިސާ އާއި ސަރުކާރުގެ ކުންފުނިތަކުގެ މަތީ މަޤާމްތައް ރިޝްވަތު ދީގެން އެ މީހުން ޕާލަމެންޓުން އިސްތިއުފާ ދިނުމަށް ހުށަހެޅުމުގައި ޢަމަލީ ދައުރެއް އަދާކުރެއްވުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެއިތުރުން ޔާނާ ވަނީ މިބޭފުޅުންނަށް ސިއްރިޔާތުގައި ޖާސޫސުކޮށް ދިނުމަށް ޗެކްރިޕަބްލިކްގެ ޖާސޫސީ އިދާރާއަށް ވެސް އަންގަވާފަ އެވެ.

ބޮޑުވަޒީރުގެ އެހީތެރިކަމާނުލައި އޭނާގެ ގާތް އަންހެންމީހާ ކަމަށްވާ ޔާނާ އަށް މިހާބޮޑެތި ކަންތައް ނުކުރެއްވޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. މީގެއިތުރުން ބޮޑުވަޒީރުގެ އަނބިކަނބަލުން ރަޑްކާ ނިކަސޫވާގެ ދިރުއުޅުއްވުމާއި އޭނާގެ ޙަރަކާތްތައް ބަލައި އޭނާ އަށް ވެސް ފުޅާދާއިރާއެއްގައި ޖާސޫސުކޮށް ދިނުމަށް ވެސް ޔާނާ ޗެކްރިޕަބްލިކްގެ ޖާސޫސީ އިދާރާގެ ކިބައިން އެދިފައިވާ ކަމަށް ޚަބަރުލިބެ އެވެ. ޔާނާގެ ނުފޫޒުގެ ސަބަބުން ބޮޑުވަޒީރުގެ އަނބިކަނބަލުން މިދިޔަ ހަފްތާގައި ވަނީ އޭނާގެ ކިބައިން ވަރިވެ ވަޑައިގެންފަ އެވެ. (ނޫސްއެޖެންސީތައް)