ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ރޭ އިޓަލީއާއި މެކްސިކޯ ކުޅުނު މެޗު، އެކެއް އެކެއްގެ ނަތީޖާއަކުން އެއްވަރު ވެފައިވަނިކޮށް، މެންޗެސްޓާ ސިޓީގެ ކުރީގެ ފޯވަޑް މާރިއޯ ބަލޮޓެލީ، މެޗުގެ ފަހުހާފުގައި ލަނޑެއް ކާމިޔާބުކޮށް 20 އަހަރަށްފަހު މެކްސިކޯގެ މައްޗަށް އިޓަލީއަށް ކުރި ހޯދައިދީފި އެވެ.

މެޗުގެ 27 ވަނަ މިނިޓުގައި އިޓަލީއަށް ލީޑު ނަގައިދިނީ، ގައުމީ ޓީމަށް 100 ވަނަ މެޗު ކުޅުމުގެ ޝަރަފް ހޯދަމުން ދިޔަ ޔުވެންޓާސްގެ އުމުރުން 34 އަހަރުގެ ތަޖްރިބާކާރު މިޑްފީލްޑަރު އަންދްރޭ ޕިރްލޯ އެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ މެކްސިކޯގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ. އެހެން ނަމަވެސް އޭގެ ހަތް މިނިޓުފަހުން މެކްސިކޯއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވަޑް ހާވިޔާ ހެނާންޑޭޒް އެވެ.

ރޭގެ މެޗުގައި މެކްސިކޯގެ ކީޕަރު ކޮރޯނާ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައިވާ އިރު އިޓަލީއަށް ވަނީ ނަތީޖާ ތަފާތު ކުރާނޭ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. 1993ގެ ފަހުން މެކްސިކޯ އަތުން ފުރަތަމަ ފަހަރަށް އިޓަލީ މޮޅުވި ލަނޑު، މާރިއޯ ބަލެޓޮލީ ކާމިޔާބުކޮށްދިނީ މެޗުގެ 78 ވަނަ މިނިޓުގަ އެވެ.

މުބާރާތުގެ ދެވަނަ ދުވަހުގެ ކުޅުން ނިމުނުއިރު ގްރޫޕް "އޭ"ގެ އެއްވަނައިގައި 3 ޕޮއިންޓް ފައިދާ 3 ލަނޑާއެކު އޮތީ ބްރެޒިލް އެވެ. އަދި 3 ޕޮއިންޓް ހޯދައިގެން ދެ ވަނައިގައި އޮތީ އިޓަލީ އެވެ. ރޭގެ މެޗުން ބަލިވި މެކްސިކޯ ތިންވަނައިގައި އޮތް އިރު ގްރޫޕްގެ ފުލުގައި އޮތީ ޖަޕާން އެވެ.

ކޮންފެޑެރޭޝަންސް ކަޕްގެ މެޗެއް މިރޭވެސް ކުޅޭނެ އެވެ. ރާއްޖޭ ގަޑިން މިރޭ 12:00ގައި ފެށުމަށް ހަމަޖެހިފައިވާ ގްރޫޕް "ބީ"ގެ މެޗުގައި ބައްދަކު ކުރާނީ އޯޝޭނިއާ ސަރަހައްދުގެ ޗެމްޕިއަން ޓަހިޓީއާއި އެފްރިކާގެ ޗެމްޕިއަން ނައިޖީރިއާ އެވެ.