ރޭ މަރުވެފައި އޮއްވައި ފެނުނު ފ. ބިލެއްދޫގެ ކުރީގެ ގާޒީ، މަރުވެފައި ވަނީ އާދައިގެ މަރަކުން ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ 8:15 އެހާކަންހާއިރުން ފެށިގެން ބިލެއްދޫ ރަންކޮކާގެ އަބުދުލްޣަނީ އަލީ 65، ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ އެ ރަށު ބޯޅަދަނޑު އިރު އުތުރު ކަންމަތީ ވެއްޓިފައި އޮއްވަ އެވެ.

އަދި އޭނާ ބެލި ޑޮކްޓަރު ވިދާޅުވެފައި ވަނީ ގާޒީ މަރުވެފައި ވަނީ އާދައިގެ މަރަކުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ގާޒީ ހަށިގަނޑުން މާބޮޑު ޒަޚަމެއްފެންނަން ނެތް ނަމަވެސް ގާޒީގެ ބޮލުން އިއްޗިއެއްހާތަން ޒަޚަމްވެފައި ވަނީ ވެއްޓުނު ވަގުތު ކައިރީގައި ހުރި ގަހެއްގެ ގޮފިތަކުގައި އަޅައިގަނެގެން ކަމަށެވެ. އަދި އަތުގެ ބައެއް ތަންތަނުން ތެޔޮހަން ވެސް ގޮސްފައި ހުރި ކަމަށް ވެސް ފުލުހުން ބުނެ އެވެ.