ކުވައިތު ސިޓީ (ޖޫން 17): ކުވައިތުގެ ޕާލަމެންޓް އުވާލައި ޕާލަމެންޓްރީ އިންތިޚާބެއް އަލުން ބޭއްވުމަށް އެގައުމުގެ ދަސްތޫރީ ކޯޓުން ޙުކުމްކޮށްފި އެވެ.

ދަސްތޫރީ ކުވައިތުގެ ދަސްތޫރީ ކޯޓަކީ އެގައުމުގެ ސުޕްރީމް ކޯޓެވެ. އެކޯޓުން އިއްޔެ އިއްވި ޙުކުމެއްގައި ބުނެފައި ވަނީ ޕާލަމެންޓް އުވާލައިފި ކަމަށާއި އަލުން އިންތިޚާބެއް ބާއްވައިގެން ޕާލަމެންޓަށް މެންބަރުން އިންތިޚާބު ކުރަން ޖެހޭ ކަމުގަ އެވެ. ކުވައިތުގެ ދަސްތޫރީ ކޯޓުން މިގޮތަށް ހުކުމްކުރީ ކުވައިތުގެ އިންތިޚާބުތަކާ ބެހޭ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް އެގައުމުގެ އަމީރު އައްޝައިޚް ސަބާޙުލްޢަޙްމަދު މިދިޔަ ހަފްތާގައި ނެރުއްވި ޝާހީ އަމުރަކީ ދަސްތޫރާ ޚިލާފް އަމުރެއް ކަމަށް ކަނޑައަޅައި ދިނުމަށް އިދިކޮޅު ފަރާތްތަކުން އެކޯޓަށް ވެއްދި މައްސަލައަކާ ގުޅިގެންނެވެ.

ދަސްތޫރީ ކޯޓުގެ ޙުކުމްގައި ބުނެފައި ވަނީ އަމީރުގެ ޝާހީ އަމުރަކީ ދަސްތޫރާ ޚިލާފް އަމުރެއް ނޫން ކަމަށާއި އެއަމުރުގައިވާ ގޮތަށް އިންތޚާބާ ބެހޭ ނިޒާމަށް ބަދަލުތައް ގެނައުމުގެ ދަސްތޫރީ ބާރު އަމީރަށް ލިބިވަޑައިގެންފައިވާ ކަމުގަ އެވެ. ކުވައިތުގެ ޕާލަމެންޓްގައި ހިމެނޭ އިދިކޮޅު ފަރާތްތަކުން ވަނީ އަމީރުގެ އަމުރަކީ ދަސްތޫރާ ޚިލާފް އަމުރެއްކަމަށް ބުނެ އެކަމާ ދެކޮޅަށް އިޙްތިޖާޖްކޮށް އެމައްސަލަ ދަސްތޫރީ ކޯޓަށް ވައްދާފަ އެވެ.

ކުވައިތުގެ ޕާލަމެންޓް އުވާލައި އަލުން އިންތިޚާބެއް ބޭއްވުމަށް ދަސްތޫރީ ކޯޓުން ޙުކުމްކުރީ ކުވައިތުގެ އިންތިޚާބުތަކާ ބެހޭ އެންމެ މަތީ ކޮމިޓީއަކީ ދަސްތޫރާ އެއްގޮތަށް އެކުލަވާލާފައިވާ ކޮމިޓީއަކަށް ނުވާތީ ކަމަށް ވެސް އެކޯޓުގެ ޙުކުމްގައި ބުނެފައިވެ އެވެ.

ދަސްތޫރީ ކޯޓުގެ މިނިންމުމާ ގުޅިގެން ކުވައިތުގެ އިދިކޮޅު ފަރާތްތައް ހިތްހަމަނުޖެހިފައިވާ އިރު އަމީރުގެ ފަރާތުން ވާހަކަ ދެއްކެވި ތަރްޖަމާނަކު ވަނީ މިޙުކުމާ އެއްގޮތަށް ސަރުކާރުން ޢަމަލުކުރާނެ ކަމަށް ބުނެފަ އެވެ. ކުވައިތުގެ ދަސްތޫރީ ކޯޓުގެ ޙުކުމަކީ އެގައުމުގެ ހުރިހާ ފަރާތްތަކަކުން ބޯލަނބަން ޖެހޭ އެންމެ ފަހުގެ ޙުކުމް ކަމަށް އެގައުމުގެ ދަސްތޫރު ބުނެ އެވެ. (އަލްޖަޒީރާ)