އުމަރަށް ޖަލަށް ލާފައިވާ މ. އޭޝިޔާ އަހުމަދު ފާރިޝް، އީވާން ނަސީމްގެ ކޮއްކޮ ޖަލުން ފިލި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ އަމުރައް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދަން ބޭނުންވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.


އީވާންގެ ކޮއްކޮ، ފާރިޝް ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ޖަލުން ފިލާފައި ވަނީ މިދިއަ އަހަރުގެ ފެބުރުއަރީ  މަހުގެ ހަތެއްގަ އެވެ. އޭރު އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. މައްސަލަ ކޯޓަށް ފޮނުވާފައި ވަނީ މޭ4، 2010ގަ އެވެ.


ކްރިމިނަލް ކޯޓުން ބުނީ އަނބުރާ ގެންދިއުމަށް ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު ފާރިޝް މާފުށީ ޖަލުން ފިލައިގެން ގޮސް މ. އޭޝިޔާގައި ހުރިކަން ފުލުހުންނަށް އެނގުމުން އެގެއަށްގޮސް އޭނާ އުޅޭތޯ ސުވާލުކުރުމުން އޭނާ އުޅޭކަން ނޭނގޭ ކަމަށް ބުނުމުން ގެ ފާސްކުރި އިރު ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި އަލަމާރިއެއްގެ ތެރޭގައި ފިލާ އޮއްވާ ފުލުހުންގެ ބެލުމުގެ ދަށަށް ފާރިޝް ގެންގޮސްފައިވާކަން އެނގޭ ކަމަށެވެ.


މި ހާދިސާއަށް ފަހު ފިލައިގެން ގޮސް ރ. ދުވާ ފަރުގައި އުޅެނިކޮށް ވެސް ފާރިޝް ހައްޔަރުކޮށްފައި ވެއެވެ.


ފާރިޝްއަކީ ހަ އަހަރު ދުވަހުގެ ޖަލު ހުކުމަކާއި ހަތަރު މަސްދުވަހުގެ ޖަލު ހުކުމަކާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެގެން 2007 ވަނައަހަރު އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވާ މީހެކެވެ.