ފ. ބިލެއްދޫގެ ކުރީގެ ގާޒީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް މިރޭ މަރުވެފައި އޮއްވާ ފެނިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުރީގެ ގާޒީ އަބްދުލްޣަނީ މަރުވެފައި އޮއްވާ ފެނިފައި ވަނީ އެރަށު ބޯޅަދަނޑު އިރު އުތުރު ކަންމަތީގައި ހުރި ގަސްތަކެއްގެ ތެރޭގައި އޮއްވައި ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ އަކީ 70 އަހަރުން މަތީގެ ބޭފުޅެކެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ ޣަނީ މަރުވެފައި އޮއްވާ ފެނުނުއިރު އޭނާގެ ހަށިގަނޑުން ބޮޑު ޒަޚަމްތަކެއް ފެންނަން ނެތްނަމަވެސް ބޮލުން އިންޗިއެއްހާ ތަން ފަޅައިގެން ގޮސްފައި ހުރި ކަމަށެވެ. އަދި މީހަކު ހަމަލާއެއް ދިންކަމެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު މެންދުރު ޣަނީ ގެއްލިގެން އާއިލާގެ ފަރާތުން ހޯދައި ވަނީ ނުފެނިފައި. ދެން ފެނުނީ މިރޭ އެތަނުގައި މަރުވެފައި އޮއްވައި،" އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލަ ނިލަންދޫ ޕޮލިސްޓޭޝަނަށް ހުށަހެޅިފައި ވަނީ މިރޭ 8:45 ހާއިރު ކަމަށާއި އެވަގުތު އެރަށުގައި ލޯންޗެއް ނެތިގެން އެއަތޮޅު މަގޫދޫން ގެނައި ލޯންޗެއްގައި އެރަށަށް ގޮސް ސީންގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.