ބަނޑުހައި ހޫނުކަމުގައި އުޅޭ މީހުންގެ އަދަދު ސާސްކަފު ލަނޑުދަނޑީގައި ކަނޑައަޅާފައިވާ މިންވަރަށް މަދުކުރި 38 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.

އދ.ގެ ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ (އެފްއޭއޯ)އިން ނެރުނު ބަޔާނެއްގައި ވަނީ 2015 ވަނަ އަހަރުގެ ކުރިން ހާސިލްކުރަން ކަނޑައެޅި ލަނޑުދަނޑީގައިވާ ގޮތަށް ބަނޑުހައި ހޫނުކަމުގައި އުޅޭ މީހުންގެ އާބާދީ ދެބައިކުޅަ އެއްބައި މީހުންނަށް ވުރެ މަދު ކުރި ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމެނުކަން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

ސާސްކަފު އެލަނޑުދަނޑި ހާސިލްކުރި ގައުމުތަކުގެ ނަންތައް އިއުލާންކުރީ އިޓަލީގެ ރޯމްގައި މިހާރު ކުރިޔަށްދާ އެފްއޭއޯގެ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު އެވެ.

"ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް ޔަގީންކޮށްދީފި ހައިހޫނުކަން ނައްތާލަން ސިޔާސީ ފަރާތްތަކުން އަޒުމް ކަނޑައަޅައިފި ނަމަ އެކަން ހާސިލްކުރެވޭނެކަން. އެފްއޭއޯއިން މިތިބީ އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން،" އެފްއޭއޯގެ ޑިރެކްޓަރު ޖެނެރަލް ޖޯސް ގްރެޒިއާނޯ ދަ ސިލްވާ ވިދާޅުވެފައިވެ އެވެ.

އެ ޖަމިއްޔާ އިން ބުނީ 2000 ވަނަ އަހަރު އޮތް އދ.ގެ ޖެނެރަލް އެސެމްބްލީގައި ކަނޑައެޅި ލަނޑުދަނޑި އަށް ގައުމަކުން ހާސިލުކުރުމުގެ މަގުމަތީގައިވާ ކަމަށެވެ. އޭގެ ތެރޭގައި ޗައިނާ އާއި ޗާޑް، އިތިއޯޕިއާ، ރުވާންޑާ، ސޮލޮމަން އައިލެންޑް އަދި ވަނުވާޓޫ ހިމެނެ އެވެ.