16 Jun 2013, 22:43
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމްގެ އަތުން ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ނަންގަވާފައިވާ 2.55 މިލިޔަން ރުފިޔާގެ ތެރެއިން ތަސްމީން ނުދައްކަވައި އޮތް 1.9 މިލިއަން ރުފިޔާ ދައްކަވަން ޖެހޭނެ ކަމަށް ހައިކޯޓުން ހުކުމް ކޮށްފައިވާތީ އެ ހުކުމް ތަންފީޒު ކުރުމަށް ނާޒިމް ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.
ނާޒިމް ސިވިލް ކޯޓަށް ހުށަހެޅުއްވި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ވަނީ މާދަމާ އަށް ޝެޑިއުލް ކޮށްފަ އެވެ.
ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ތަސްމީން ނާޒިމަށް ނުދައްކަވައި އޮތް 1.9 މިލިއަން ރުފިޔާ ދެއްކުމަށް ކޮށްފައިވާ ހުކުމަށް ބަދަލުގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް އެ ފައިސާ ހޯދުމުގެ މަސައްކަތަށް ވަކީލަށް ދައްކަން ޖެހޭ 100،000ރ. ހޯއްދެވުމަށް ނާޒިމް އެދިވަޑައިގަތުމުން ވަކީލުގެ ފީ އަށް 1،800ރ. ނަގައިދޭން ސިވިލް ކޯޓުން ކަނޑައެޅުމުގައި ގިޔާސްކޮށްފައިވާ ގޮތް ޝަރުއީ އަދި ގާނޫނީ އުސޫލަށް ނުފެތޭ ކަމަށް ކަނޑައަޅައި އެބައި ހައިކޯޓުން ވަނީ ބާތިލު ކޮށްފަ އެވެ.
ސިވިލް ކޯޓުގައި ނާޒިމްގެ ފަރާތުން ބުނެފައި ވަނީ ތަސްމީން ފައިސާ ނަގާފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ކަމަށާއި އެނޫން އެހެން ގޮތަކަށް ފައިސާ ދައްކަން ޖެހޭ އެއްބަސްވުމެއް ވެފައި ނޯންނާނެ ކަމަށެވެ.
ނާޒިމްގެ އެ ވާހަކަތައް ޝަރީއަތަށް ސާބިތުވާތީ ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ތަސްމީން ނުދައްކަވައި އޮތް 1.9 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ 25 ނޮވެމްބަރު 2010ގެ ކުރިން އެ ފައިސާ ދެއްކުމަށް ތަސްމީނަށް ނާޒިމްގެ ފަރާތުން އެންގި ނަމަވެސް އެ ފައިސާ ދައްކާފައި ނުވާކަން ސާބިތުވާ ކަމަށެވެ.