16 Jun 2013, 22:32
މާލިއްޔަތު ގާނޫނާ ހިލާފަށް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ބޮޑެތި 11 މައްސަލައެއް އޮޑިޓާ ޖެނެރަލް ތަހުގީގުކުރައްވަން ފައްޓަވައިފި އެވެ.
ސަންއާ ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު ވިދާޅުވީ މިވަގުތު ހާއްސަ އިސްކަމެއް ދެއްވައިގެން ތަހުގީގުކުރާ 11 މައްސަލައަކީ ބޮޑެތި ޝަކުވާތަކެއް ލިބިގެން ތަހުގީގުކުރަމުން އަންނަ މައްސަލަތަކެއް ކަމަށެވެ.
"ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައި ހުރިތޯ ބެލުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އެގޮތުން މިހާރު ބަލަމުން އަންނަ މައްސަލަތަކުގެ ތެރެއިން ހަ މައްސަލައެއް ވަނީ ނިމުމުގެ މަރުހަލާގައި،" އޭނާ ވިދާޅުވި އެވެ.
ހާއްސަ އިސްކަމެއް ދެއްވައިގެން މިވަގުތު ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި 2011 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާކު ސަމިޓާ ގުޅިގެން ކުރެވުނު ހަރަދުތަކާއި 2004 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ދެމެދު ދައުލަތުގެ ދަރަނީގެ އޮޑިޓަކާއި ސަދަން ޔުޓިލިޓީސްގެ އޮޑިޓަކާއި އާލީ ރިޓަޔާމަންޓް ޕެންޝަނާ ބެހޭ އޮޑިޓަކާއި އެއާޕޯޓް އިންވެސްޓްމަންޓް ކޮމްޕެނީ އާއި މާފުށީ ޖަލުގެ ޕްރޮޖެކްޓެއްގެ އޮޑިޓަކާއި ދިރާގުގެ ހިއްސާ ވިއްކާލި ގޮތާ ބެހޭ އޮޑިޓެއް އަދި ގއ.ގަައި ސުނާމީއާ ގުޅިގެން އަޅާ ގެތަކުގެ އޮޑިޓެއްގެ އިތުރުން އެމްއެންބީސީން ތަކެތި ގަތުމާއި ލޯނެއް ނެގުމަށް އަމަލުކޮށްފައިވާ ގޮތުގެ އޮޑިޓެއް ހިމެނެ އެވެ.
"މި ހުރިހާ މައްސަލަތައް ވެސް މިދަނީ ވަރަށް ބާރަށް ބަލަމުން. އެކަމަކު އެ މައްސަލަތައް ބެލުމަށް ވަރަށް ގިނަ ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި. އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ މިންވަރަށް މަސައްކަތްކުރާނެ މުވައްޒަފުން ނެތުން. އެހެން ނަމަވެސް އަޅުގަނޑުމެން ހުރި ރިސޯސްތައް ބޭނުންކޮށްގެން އެ މައްސަލަތައް ތަހުގީގުކޮށް ނިންމާނަން،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ބެލި ގިނަ މައްސަލަތަކުގައި ގާނޫނާއި ގަވައިދާ ހިލާފުވުމުގެ ގޮތުން ސީދާ ކޮރަޕްޝަންގެ އަމަލުތައް ވެސް ހިންގާފައިވާކަން ފެންނަން އެބަހުރި ކަމަށެވެ.