ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކޯލިޝަންގެ ކެމްޕޭނަށް ހުރަސްއެޅުމުގެ ގޮތުން ބައެއް ރަށްތަކުން ހިންގާފައިވާ އަމަލުތަކަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައިގެން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާފައިވާ އަމަލުތަކެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން މިރޭ އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ކޯލިޝަންގެ ކެމްޕޭނަށް ހުރަސް އެޅުމަށް ވާދަވެރި ސިޔާސީ ޕާޓީއަކުން ހިންގާފައި ވަނީ ނާތަހުޒީބު ފިނޑި އަމަލުތަކެއް ކަމަށާއި އެކަންތައް އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.

ވޯޓުލާ އާބާދީގެ ބޮޑުބަޔަކީ ސިޔާސީ ޕާޓީތަކަށް ނިސްބަތްނުވާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެސް ނުވާ ރައްޔިތުން ކަމަށާއި މާޒީގެ މާޔޫސްކަމާއި އަނދިރިކަމުގެ ތެރެއަށް ދިޔުމަށް އެރައްޔިތުން ބޭނުން ނުވާ ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކެމްޕޭނަށް ހުރަސްއެޅުމަށް ހިންގާ އެފަދަ އަމަލުތައް ހުއްޓުވައި އިންސާފުވެރި އަމާން މާހައުލެއް ގާއިމްކޮށްގެން ނޫނީ އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެކަން ކަށަވަރުވާ ކަމަށާއި އެހެންކަމުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާ ނޭއްގާނީ އަމަލުތައް ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނާއި ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

ރައީސް ޑރ. ވަހީދު އެމަނިކުފާނުގެ ކޯލިޝަން ޓީމާ އެކު ގދ. ތިނަދޫ އާއި ޏ. ފުވައްމުލަކަށް ވަޑައިގަތުމުން އެމްޑީޕީ ސަޕޯޓަރުން ނުކުމެ ވަނީ އެމަނިކުފާނާ ދެކޮޅަށް ޝުއޫރު ފާޅުކޮށް އެމަނިކުފާނަށް ހުރަސްއަޅަން މަސައްކަތްކޮށްފަ އެވެ. ޕީޕީއެމް އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.