16 Jun 2013, 21:43
ފިނޭސް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ އަދަދުތަކުގައި ކުށެއް ޖެހިފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޮޑިޓް އޮފީހުން މިރޭ އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ ފިނޭންސް މިނިސްޓްރީން ހޯދާފައިވާ މައުލޫމާތުތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް ފާހަގަކޮށްފައިވާ މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން އޮޑިޓް ރިޕޯޓުގައި ހިމެނޭ އަދަދުތަކުގެ ސައްހަކަން ޔަގީން ކުރުމަށް އެ މިނިސްޓްރީގެ ކަމާ ބެހޭ އިސްވެރިންނާ އެކު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މަޝްވަރާކޮށްފައި ވާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާއި އަދަދުތަކުގައި ކުށެއް ޖެހިފައި އޮވެދާނެ ކަމަށް ޓަކައި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ފިނޭންސް މިނިސްޓްރީގެ ކޮމެންޓްސް ލިޔުމުން ފޮނުވުމަށް މިދިޔަ މާޗް މަހުގެ ތެރޭގައި ލިޔުމުން ދެންނެވިފައިވާނެ ކަމަށާއި ނަމަވެސް ފިނޭންސުން އެ މިނިސްޓްރީގެ ކޮމެންޓްސް ފޮނުވާފައި ނުވާތީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ އަދަދުތައް ބަޔާންކުރުމުގައި ކުށެއް ހިމެނިފައި އޮތުމަކީ ވެދާނެކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އޮޑިޓް ރިޕޯޓުގައި ކަމެއް ފާހަގަކުރެވިފައިވާ ގޮތުގެ ސަބަބުން ނޫން ނަމަ އޮޑިޓް ރިޕޯޓުގައި ހިމެނޭ އަދަދެއް ބަޔާންކުރުމުގައި ޖެހޭ ކުށެއްގެ ސަބަބުން އެއްވެސް ފަރާތެއްގެ ނަމަށް އުނިކަމެއް ލިބޭ ފަދަ ކަމެއް މެދުވެރިވެފައިވާ ނަމަ އެކަމަށް މައާފަށް އެދޭކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެ އޮފީހުން ނެރޭ އޮޑިޓް ރިޕޯޓްތަކަކީ އެ އޮފީހުގައި ގާއިމްކޮށްފައިވާ ފަންނީ މިންގަނޑުތަކާ އެއްގޮތަށް ވަކިފަރާތަކަށް ނުޖެހި ފެންނަން ހުރި ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް އިންސާފުވެރިކަމާއި ހަމަހަމަ ކަމާ އެކު ނެރޭ ރިޕޯޓުތަކަކަށް ހެދުމަށް އެ އޮފީހުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.