މާލޭގެ މަގުތަކުގައި ކުރަހާފައި ހުރި ތަފާތު ރަމްޒުތަކާއި އެކިއެކި ގުރޫޕްތަކަށް ނިސްބަތްވާ ލޯގޯތަކާއި ކުރެހުންތައް ހިމެނޭގޮތަށް ފާރުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމަށް ސިލްސިލާ މަސައްކަތްތަކެއް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ބްރާސްފަތި ދުވަހު ކުރިޔަށް ގެންދާ މިމަސައްކަތުގައި ފުލުހުންގެ އިތުރުން އަމިއްލަޔަށް އިސްނަގައިގެން މަސައްކަތްކުރާ ޒުވާނުން ވެސް އެކަމުގައި ބައިވެރިވަމުން އަންނަ ކަމަށެވެ. މިގޮތުން ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެއް ޒުވާނުން ނުކުމެ ފުލުހުންނާއެކު މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރި ވުމަކީ ފުލުހުންނަށް މިކަމުގައި ލިބިގެންދާ ވަރަށްބޮޑު ހިތްވަރެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ތަފާތު ރަމްޒުތަކާއި ނިޝާންތައް ހިމެނޭގޮތަށް ކުރަހާފައިވާ ކުރެހުންތަކާއި ރަމްޒުތަކުގެ ސަބަބުން ޖިނާއީ ކުށަށް މަގުފަހިވުމަށް ފުރުސަތު އިތުރުވެ އާއްމު އިޖުތިމާއީ މިންގަނޑާއި ޚިލާފުކަންތައްތަކެއް ފެންނަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިއާއެކު މިފަދަ ކުރެހުންތައް ބެހެއްޓުމަކީ އާއްމު އިޖުތިމާއީ މިންގަނޑާއި ޚިލާފުވުމުގެ ގާނޫނުން މަނާކޮށްފައިވާ ކަންކަމަށްވާތީ ގްރެފިޓީތައް ނައްތާލުމުގައި ފުލުހުން އިސްނަގައިގެން ކުރަމުންމިދާ މަސައްކަތުގައި އާއްމު ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ގްރެފިޓީ ނައްތާލުމުގެ މަސައްކަތުގައި މާލޭގެ ތަފާތު ސަރަހައްދު ތަކުގައިހުރި ގްރެފިޓީ ނައްތާލުމުގެ މަސައްކަތް މިދިޔަ ދެ ހަފްތާގައި ކޮށްފައިވާކަމަށާއި މިއީ ސިލްސިލާ މަސައްކަތްތަކަކަށް ވާތީ މަދުން ގްރެފިޓީ ހުރި ތަންތަން ވެސް ނައްތާލުމަށް ކުރިޔަށް އޮތް ހަފްތާތަކުގައި މަސައްކަތް ކުރެވޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.