އެކުވެރި ދައުލަތްތައް (އދ) އިން 2000 ވަނަ އަހަރު ފެށި "މިލޭނިއަމް ޑެވެލޮޕްމަންޓް ގޯލްސް" 2015 ގައި ނިމުމާ އެކު ކުރިއަށް ގެންދާނެ މަސައްކަތްތައް ބެލުމަށްޓަކައި އެ ޖަމިއްޔާއިން ފަށާފައިވާ "މާކު އަ ޑިފަރަންސް" ކެމްޕެއިން ރާއްޖޭގައި ލޯންޗުކޮށްފި އެވެ.

"މައި ވޯލްޑް: ދަ ޔުނައިޓެޑް ނޭޝަންސް ގުލޯބަލް ސާވޭ ފޯ އަ ބެޓާ ވޯލްޑް"ގެ ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މާކު އަ ޑިފަރެންސް ކެމްޕެއިނަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ މީހުންނަށް، އެމީހުންގެ ދިރިއުޅުމަށް ރަނގަޅު ބަދަލެއް ގެންނާނެ މުހިއްމު މައްސަލަތަކަށް ވޯޓުލުމުގެ ފުރުސަތު ލިއްބައިދޭ ކެމްޕެއިނެކެވެ.

އދ. އިން ވަނީ މިކެމްޕެއިންގައި ވޯޓުލުމަށް ދުނިޔޭގެ ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފަ އެވެ.

މިއަދު މާލޭގައި ހުންނަ ޔޫއެން ބިލްޑިންގްގައި ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ މާކު އަ ޑިފަރަންސް ކެމްޕެއިން ލޯންޗުކޮށްދެއްވާފައި ވަނީ މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އާސިމް އަހުމަދެވެ.

ކެމްޕެއިން ލޯންޗުކޮށްދެއްވުމުގެ ގޮތުން މިނިސްޓާ އާސިމް ވަނީ ކެމްޕެއިންގައި ބައިވެރިވެ ވޯޓު ދެއްވާފަ އެވެ.

ރާއްޖޭގެ ކެމްޕެއިން ލޯންޗުކޮށްދެއްވުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި މިނިސްޓާ އާސިމް ވިދާޅުވީ މިއީ ދިވެހިންނަށް ދުނިޔޭގެ ލީޑަރުންގެ ކުރިމަތީގައި އެމީހުންގެ އަޑު އިއްވުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

މިއަދު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އދ.އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓާ ޓޯނީ ލައިލް ވިދާޅުވީ ރާއްޖެއަކީ މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސް ނުވަތަ ސާސްކަފުގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ނަމޫނާ ގައުމެއް ކަމުން، މިއީ ރާއްޖެއަށް ވަރަށް މުހިއްމު ކެމްޕެއިނެއް ކަމަށެވެ.

މާކު އަ ޑިފަރަންސް ކެމްޕެއިނަށް ވޯޓުލުމުގެ ފުރުސަތު އޮންލައިންކޮށް ވަނީ ހުޅުވާލެވިފަ އެވެ. ދިވެހިން މިސާވޭގައި ވޯޓުލުމަށް ވެބްސައިޓަށް ވެބްސައިޓަށް ޒިޔާރަތްކުރުމަށް އދ.އިން ވަނީ ގޮވާލާފަ އެވެ.

އދ.އިން ބުނެފައި ވަނީ މިސާވޭގެ ނަތީޖާތައް އެއްކުރުމަށްފަހު ދުނިޔޭގެ އިސް ލީޑަރުންނަށް ހުށަހަޅަން ހަމަޖެހިފައިވާ ކަމަށާއި މިގޮތުން ސާސްކަފުގެ ލަނޑުދަނޑިތަކަށް ފަހު ކަންތައް ކުރާނެ އެޖެންޑާ ރާވާ ކޮމިޓީ ކަމަށްވާ ހައި ލެވަލް ޕެނަލް އޮން ޕޯސްޓް 2015 އެޖެންޑާއަށް މިސާވޭގެ ނަތީޖާ ހުށަހަޅާނެ ކަމަށެވެ.

މިޕެނަލްއަކީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރޮންގެ ދަށުން ކުރިއަށް ގެންދާ ޕެނަލް އެކެވެ.

މިކެމްޕެއިން ކުރިއަށް ދަނީ ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމަންޓް ޕްރޮގްރާމް، ޔުނައިޓެޑް ނޭޝަންސް މިލޭނިއަމް ކެމްޕެއިން، އޯޑީއައި އަދި ވެބް ފައުންޑޭޝަން ގުޅިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

މިކެމްޕެއިންގެ ރާއްޖޭގެ ޕާޓްނަރުންނަކީ އެސްޓީއޯ، ތިންކު، ވަތަނިއްޔާ އަދި ދިރާގެވެ.