ސުނާމީއާ ގުޅިގެން ގއ. އަތޮޅުގެ ހަތަރު ރަށެއްގައި ގެތަކެއް އަޅަން ވިމްލާ ކޮންސްޓްރަކްޝަނާ ހަވާލުކުރި މަޝްރޫއު އަށް ސައުދީ ފަންޑުންދިން ދިން 198 މިލިއަން ރުފިޔާ ވަންތަނަކާ މެދު ސުވާލު އުފެދިއްޖެ އެވެ.

ގއ. ވިލިނގިލިއްޔާއި މާމެންދޫ އަދި ނިލަންދޫގެ އިތުރުން އެ އަތޮޅު ދާންދޫގައި 298 ގެ އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ވިމްލާ ކޮންސްޓްރަކްޝަނުން ސޮއިކޮށް ވަނީ 2008 ވަނަ އަހަރުގެ އޮކްޓޯބަރު 28ގަ އެވެ.

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގި މަޝްރޫއާ ބެހޭ ގޮތުން އޮޑިޓާ ޖެނެރަލް މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓްގައި ވަނީ އެ މަސައްކަތް ހަވާލުކުރި ވިމްލާ އަށް 2011 ވަނަ އަހަރު 198 މިލިއަން ރުފިޔާ ފިނޭންސް އިން ދޫކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. ނަމަވެސް އޮޑިޓާ ރިޕޯޓްގައިވާ އަދަދަށް އެ ކުންފުންޏަށް ފައިސާ ލިބިފައިނުވާ ކަމަށް ބުނެ އެ ކުންފުނިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ވިމްލާގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު ސަން އަށް މިއަދު ވިދާޅުވީ އެ ކުންފުނިން ކުރި މަސައްކަތްތަކަށް ސަރުކާރުން ދޫކޮށްފައި ވަނީ އެޑްވާންސް ފައިސާ އެކަނި ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ ބާކީ ފައިސާ އޭގެ ފަހުން އެ ކުންފުންޏަށް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތް ފަހުން ކުރީ ސަބް ކޮންޓްރެކްޓަަކަށް ހަމަޖެއްސި ފިލިޕިންސްގެ "ޕާފޯމަންސް ބިލްޑާސް"އާ ކަމަށެވެ. އަދި އެއީ ވިމްލާގެ ހުއްދައާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވިމްލާ އަށް އެ ފައިސާ ދިން ކަމަށް ބުނެފައިވީ ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް. ފަހުން އެ މަޝްރޫއުގެ މަސައްކަތް ކުރީ، ސަބް ކޮންޓްރެކްޓަރު ފިލިޕިންސްގެ ކުންފުނިން." އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ފިލިޕިންސްގެ ކުންފުނިން މަސައްކަތް ހުއްޓާލާފައި ދިއުމުން އަލުން އެ މަސައްކަތް ކުރިޔަށް ގެންދަން ފިނޭންސް މިނިސްޓްރީން އެންގި ކަމަށެވެ. އަދި އެ މަސައްކަތް އަލުން ކުރިޔަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ވިމްލާއާ ހަވާލުކުރި ޕްރޮޖެކްޓްގެ ފައިސާ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ އަދަދަށް އެ ކުންފުންޏަށް ލިބިފައިނުވާ ކަމަށް ބުނާ ވާހަކައަކީ މުޅިން ދޮގު ވާހަކައެއް ނޫން ކަމަށެވެ.

"އެ މަޝްރޫއު ކުރިޔަށް ގެންދިޔައީ ވިމްލާއިން ސަބްކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން. ކުރިޔަށް ގެންދަނިކޮށް ވެރިކަން ބަދަލުވުމުން އެ ސަބްކޮންޓްރެކްޓަރު މިތަނުން ފުރައިގެން ގޮސްފައި ވަނީ. އޭރު އޮތީ ސަރުކާރު މެދުވެރިވެގެން އެ ޕްރޮޖެކްޓްގެ ފައިސާގެ ބޮޑު ބައެއް ސަބް ކޮންޓްރެކްޓަރަށް ސައުދީ ފަންޑުން ދޫކޮށްފައި. ނަމަވެސް އެއީ ކިހާ މިންވަރެއް ކަމެއް އަދި ނޭނގެ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އެ މަޝްރޫއުގެ ސަބް ކޮންޓްރެކްޓަރަށް ސައުދީ ފަންޑުން ފައިސާތަކެއް ދިންކަން ލިޔެކިއުންތަކުން އެނގެން އެބައޮތް ކަމަށެވެ.

"ސަބް ކޮންޓްރެކްޓަރު މިތަނުން ދިއުމުން އަޅުގަނޑުމެން އެންގިން ވިމްލާ އަށް އެ މަސައްކަތް ނިންމަން. ދެން އެ ކުންފުނިން ކުރާ މަސައްކަތްތަކަށް ފައިސާ ދޭނެ ގޮތެއް އަޅުގަނޑުމެން ޖެހޭނީ ސައުދީ ފަންޑާ ވާހަކަ ދައްކައިގެން ހަމަޖައްސަން،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އަދަދަކީ މުޅިން ރަނގަޅު އަދަދެއް ނޫން ކަމަށެވެ. އަދި އެކަން ސާފުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ވިމްލާއާ ހަވާލުކުރުމަށް ފަހު އެޑްވާންސްގެ ގޮތުގައި 22 މިލިއަން ރުފިޔާ ދިން ކަމަށް ފިނޭންސްގެ ލިޔެކިއުންތަކުން ދައްކާ ކަމަށެވެ. އަދި އޭގެ ފަހުން ފަސް ޕޭމަންޓެއް ދައްކާފައިވާ ކަމަށް ލިޔެކިއުންތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ކުންފުންޏަށް ފައިސާ ލިބިފައިވާ އަދަދު ރަނގަޅު ނޫން ކަމަށް ބުނާތީ އެ އަދަދު ސާފުކުރަމުން އަންނަ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރިޕޯޓުގައި ހިމަނާފައި ވާނީ އެ އޮފީހަކުން ލިބޭ މައުލޫމާތާއި ފެކްޓްތަކަށް ބިނާކޮށްގެން. އަދި އެ ރިޕޯޓެއް ނެރުމުގެ ކުރިން އަޅުގަނޑުމެންގެ އޮބްޒަވޭޝަން އެ އޮފީހަކާ ހިއްސާކުރަން. މި އޮޑިޓް ރިޕޯޓް ނެރުމުގެ ކުރިން ފިނޭންސްއަށް ފޮނުވައިގެން އެތައް ދުވަހެއްވީ އިރު ވެސް ޖަވާބެއް ނުލިބުނު. ދެން އަޅުގަނޑުމެން ރިޕޯޓް ނެރުމުން މި ބުނަނީ އެ އަދަދު ރަނގަޅު ނޫން ކަމަށް. އެހެންވީމަ ވަރަށް އެކަށީގެންވޭ ކުށެއް ހުރުން ވެސް،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިމްލާ އަށް ދިން ކަމަށް ބުނެފައިވާ އަދަދު ރަނގަޅު ނޫން ކަމަށް ބުނާތީ، އެ އަދަދަށް ފައިސާ ދީފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ. އަދި އެކަން ބަލައި ނިމުމުން އެ ކުންފުންޏަށް ދިން ފައިސާގެ އަދަދު އަލުން ހާމަކުރާނެ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދަށުން ވިލިގިނލީގައި އަޅަން ހަމަޖައްސައިފައި ވަނީ 75 ގެ އެވެ. އަދި މާމެންދޫގައި 84 ގެ، ނިލަންދޫގައި 51 ގެ އަދި ދާންދޫގައި 88 ގެ އެވެ.