ކުޑަކުއްޖަކަށް ފެންނަގޮތަށް އޮރިޔާމުން ހުރި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.


ކްރިމިނަލް ކޯޓުން މި ހުކުމްކޮށްފައި ވަނީ ވިލިމާލޭ ބީޗްވިއު 12 ނަމްބަރު ކޮޓަރި ކުއްޔަށް ހިފައިގެން އުޅޭ މީހެއް ކަމަށްވާ މުހައްމަދު ސައީދު39. ގެ މައްޗަށެވެ.  މި ނިޔާ ކަނޑައެޅީ އިއްޔެ އެވެ.


މީނާއަކީ ކޮން ރަށެއްގެ މީހެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.


ކުޑަކުއްޖާގެ ކުރިމަތީގައި އޮރިޔާންވި މީހާ އަށް އުގޫބާތް ކަނޑައެޅީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނުގެ 22 ވަނަމާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) އާއި ހަވާލާދީ، ޖިންސީ ގުނަވަން ކުޑަކުއްޖަކަށް ދެއްކުމުގެ ކުށުގެ ދައުވާ ދައުލަތުން އެ މީހާގެ މައްޗަށް ކުރުމުންނެވެ.


ފެންވަރައިގެން ނިކުމެ ކުޑަކުއްޖަކަށް ފެންނަ ގޮތަށް ބަރަހަނާއަށް ހުރެގެން ޖަލަށްލުމަށް ހުކުމް ކުރި މީހާގެ ޝަރީއަތުގައި ގާޒީ ވިދާޅުވީ ހާދިސާ ހިނގި ތަނަށް ދިޔައ ފުލުހުން ދީފައިވާ ބަޔާންތަކަށް ބަލާއިރު އަނިޔާ ލިބުނު ކުއްޖާގެ ބޭބެ އޭނާގެ އެއްބަނޑު ކޮއްކޮއާއިއެކު ވިލިމާލޭ ބީޗްވިޔުގޭ 12 ނަންބަރު ކޮޓަރީގައި، މުހަންމަދު ސައީދު ކިޔާމީހަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގަން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެކަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.


އެ ކުއްޖާގެ ބޭބެ ފުލުހުންނަށް ދީފައިވާ މައުލޫމާތުގެ އަލީގައި އެގޭގެ ކޮޓަރިއަށް ވަތްއިރު މުހައްމަދު ސަޢީދު އެއްވެސް އެއްޗެއް ނުލައި އޮރިޔާމުން އެނދު ކައިރީގައި ހުއްޓައި ފުލުހުންނަށް ފެނިފައިވާ ކަމަށެވެ. އަދި އޭރު ކުޑަކުއްޖާ އެނދު މަތީގައި އޮށޯވެގެން އޮތްކަމަށެވެ.


ކޯޓުގައި ކުޑަ ކުއްޖާ ބުނެފައިވާ ގޮތުން މުހައްމަދު ސަޢީދު ފާހާނާއަށް ވަދެ ފެންވަރައިގެން ނުކުމެ ކޮޓަރިތެރެއަށް ވަނީ އެއްވެސް އެއްޗެއް ނުލައި ބަރަހަނާއަށް ހުރެއެވެ.


ސައީދު ބުނެފައި ވަނީ އޭނާއަކީ ބޯޓު ދަތުރު ކުރާ މީހެއް ކަމަށާއި ދުވަހަކު ވެސް މީހަކާ އޭނާ ކައިވެނިކޮށްފައި ނުވާއިރު މާލެ އައިސް އުޅެނީ ޗުއްޓީއެއްގައި ކަމަށެވެ.