ރާއްޖެއާއި ޑޮމިނިކަން ރިޕަބްލިކާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފި އެވެ.


މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ވެބްސައިޓުގައި ބުނެފައިވަނީ، ޑޮމިނިކަން ރިޕަބްލިކާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިދިޔަ ބުދަ ދުވަހު އޮތީ އ.ދ އަށް ކަނޑައަޅާފައިވާ ޑޮމިނިކަން ރިބަޕްލިކްގެ ޕާމަނަންޓް މިޝަނުގައި ކަމަށެވެ. އެގޮތުން އެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން އ.ދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ ސަފީރު އަބްދުލް ގަފޫރު މުހައްމަދު ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ޑޮމިނިކަން ރިބަޕްލިކްގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން އ.ދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ ސަފީރު ފެޑެރިކޯ އަލްބެޓޯ ކަމަށެވެ.


ޑިމޮކްރެޓިކް ވެރިކަމެއް ހިންގަމުން އަންނަ ޑޮމިނިކަން ރިޕަބްލިކަކީ ރާއްޖެއާއެކު ސިޔާސީ ގުޅުން ގާއިމްކުރި 155 ވަނަ ގައުމު ކަމަށް ފޮރިން މިނިސްޓްރީން ބުނެ ނެވެ. ކެރިބިއަން ސަރަހައްދުގައި އޮންނަ ޑޮމިނިކަން ރިޕަބްލިކާ ރާއްޖެއަކީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނާއި އ.ދ ފަދަ ބައިނަލް އަގްވާމީ މައިދާންތަކުގައި އެކުގައި ހަރަކާތްތެރިވާ ދެގައުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކަލުން ސަލާމަތްވުމަށް ފިޔަވަޅު އެޅުމަށް ވިސްނާ ދެގައުމުކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.