އައްޑޫ ސިޓީ ހިތަދޫގައި އުމުރުން 66 އަހަރުގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަމަހްކޮށްލައިފި އެވެ.

އެ ހަމަލާގައި ޒަހަމްވެފައި ވަނީ ސ. ހިތަދޫ ސައިފަތްމާގެ، ހަސަން އަލީ (ހަަސަންފުތާ) އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އަމަލް ހިންގާފައި ވަނީ ހިތަދޫ އުސްގަނޑު ކިޔާ ސަރަހައްދެއްގައި އެމީހާ އުޅެނިކޮށް ކަމަށާއި އެމައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 2:44 އެހާކަންހާއިރު ކަމަށެވެ. އެހަމަލާގައި އޭނާގެ ކަންފަތާއި އަތަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމަށް ފަހު އޭނާގެ އަތުން ފައިސާތަކެއް ފޭރިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމީހާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައާ ގުޅުން ހުރި ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން އޮފިސަރު އަލީ މޫސާ މިއަދު ވިދާޅުވީ އެހަމަލާގައި އެމީހާގެ ކަނާތުގެ އުޅަނބޮށިން ތިރިން ގާތްގަނޑަކަށް އިންޗިއެއްހާ ތަނުން ކަފައިގެން ގޮސްފައިވާ އިރު ވައާތު ކަންފަތުން ތަންކޮޅެއް ކަފައިގެން ގޮސް ފައިވާ ކަމަށެވެ. ނަމަވެސް އިތުރު އަނިޔާއެއް އެމީހާ އަށް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މީހާ ބުނީ ވަޅިއަކުންނޭ އޭނާ އަށް ބަޔަކު ހަމަލާދިނީ، އަދި ބުނި އޭނާ ދިޔައީ ރަށުގެ ހުޅަނގު ފަރާތަށް އެއްޗެއް އުކާލަން ކަމަށާއި އެވަގުތު ބަޔަކު އައިސް ހަމަލާދިނީ އޭނާ ފުރަގަސް ޖަހައިގެން ހުއްޓާ ކަމުގައިވާތީ އެމީހުން ރަނގަޅަށް ނުފެންނަ ކަމަށް، އެމީހުން ހަމަލާދީފައި ފިލީ ކަމަށް ވެސް އޭނާ ބުނި،" އަލީ މޫސާ ވިދާޅުވި އެވެ.