16 Jun 2013, 15:36
މާލޭގައި ހަލުވި ކަމާ އެކު ވައިރަލް ފީވާ އާއި އެކިއުޓް ރެސްޕަރޭޓަރީ އިންފެކްޝަން ފެތުރެމުން އަންނާތީ އެކަމަށް ސަމާލު ވުމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ހަބީބު "ސަން" އަށް މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ މިހާތަނާ އަޅާ ބަލާ އިރު މި އަހަރުގެ މިހާތަނަށް އެކިއުރޭޓް ރެސްޕަރޭޓަރީ އިންފެކްޝަން ޖެހިގެން ޑޮކްޓަރަށް ދައްކަން ދުވާލެއްގެ މައްޗަށް 180 އަށް ވުރެ ގިނަ މީހުން އަންނަ ކަމަށެވެ. އަދި ވައިރަލް ހުން ޖެހިގެން ދުވާލެއްގެ މައްޗަށް 114 މީހުންނަށް ވުރެ ގިނައިން ޑޮކްޓަރަށް ދައްކަން އަންނަ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ބައްޔަކީ ވެސް ހުމެއް ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހެއްގެ ފުރާނައަށް އެ ދެ ބާވަތުގެ ހުމުގެ ސަބަބުން ނުރައްކަލެއް ދިމާވެފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އާއްމު ގޮތެއްގައި އެފަދަ ބަލިތައް ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ކުޑަކުދިންނަށް ކަމަށާއި ނަމަވެސް ބޮޑެތި މީހުން ވެސް އެކަމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"މި ދެ ބާވަތުގެ އަލާމާތްތަކުގެ ތެރޭގައި ވެސް ގައިގައި ރިއްސާފައި ހުން އަންނާނީ. އޭގެ ތެރެއިން އެކިއުޓް ރެސްޕަރޭޓަރީ އިންފެކްޝަންގެ އަލާމާތްތަކުގެ ތެރޭގައި އަރިދަފުސް ރޯގާ އާއި އެކުގައި ހުން އަންނާނީ. ނޫނީ ފުއްޕާ މޭގެ ކެއްސުމާ އެކު އެކަހަލަ ގޮތަކަށް ހުން އަންނާނީ،" ހަބީބު ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ އެފަދަ ބައްޔެއްގެ އަލާމާތެއް ފާހަގަ ކުރެވިއްޖެ ނަމަ އެ މީހަކު މީހުން އެއްވެ އުޅޭ ތަންތަނަށް ނުނިކުމެ މީހުންނާ ވީހާ ވެސް އެކަހެރިކޮށް އުޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ނޫން ނަމަ އެ ބަލި ވަރަށް އަވަހަށް ގިނަ ބަޔަކަށް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެހެނިހެން ހިސާބުތަކުގައި ވެސް އެ ބަލީގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ފެންނަމުންދާތީ އެކަމަށް ވެސް ސަމާލު ވުމަށް ހަބީބު އިލްތިމާސް ކުރެއްވި އެވެ.
ވައިރަލް ފީވާ ޖެހިގެން ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަދަދު ގިނަވަމުން އަންނާތީ ރޭ ގަނޑާއި ދުވާލުގެ ގިނަ ވަގުތުތަކުގައި ހޮސްޕިޓަލްތައް އޮންނަނީ ކިޔު ޖެހިފަ އެވެ.