ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއާ ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓުްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި އެއެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓުރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓާ މަހުދީ އިމާދެވެ. އަދި ކޫއްޑޫ ފިޝަރީޒްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓާ ފައިނޭންސް އެންޑް އެކައުންޓްސް މުހައްމަދު ފާއިޒް އެވެ.

އެހަފްލާގައި "ސަން" އިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓާ މަހުދީ އިމާދު ވިދާޅުވީ ގއ، ގދ. އަތޮޅުގައި ފެރީގެ ހިދުމަތް ވަގުތީ ގޮތުން ދިދުމަށް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އާއި ހަވާލުކޮށްފައި ވަނީ އެ ހިދުމަތް ފެށުމަށް ސަރުކާރުން އެއްވެސް އަގެއް ދޭގޮތަކަށް ނޫން ކަމަށެވެ. ނަމަވެސް ފެރީގެ ހަރަދުތައް އެ ކުންފުއްޏަށް ފޫ ނުބެއްދޭ ނަމަ ސަރުކާރުން ފައިސާ ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޫއްޑޫ ފިޝަރީޒް ޑައިރެކްޓާ ފައިނޭންސް އެންޑް އެކައުންޓްސް ފާއިޒް ވިދާޅުވީ ފެރީގެ ހިދުމަތް އެންމެ ލަސްވެގެން މިއަންނަ ހޮނިހިރު ދުވަހުގެ ކުރިން ފަސް ފެރީއާ އެކު ފަށާނެ ކަމަށެވެ. އަދި މީގެ ކުރިން 25ރ. އަށް ދަތުރެއްކުރި އެ ފެރީތަކުގެ އަގަށް އެއްވެސް ބަދަލެއް ނުގެނެސް ހިދުމަތްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.