ހަމަހަމަކަމާ އެކު ދެމެހެއްޓެނިވި ގޮތުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ބާރުއަޅައި، ފެނުގެ ވަސީލަތްތަކަށް ލިބޭ ގެއްލުންތަކަށް ޒިންމާ އުފުލުމަށް "ފެނުގެ ބިލު"ގެ ނަމުގައި މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ މަޖިލީހަށް ވައްދާފައިވާ ފެނުގެ ބިލުގައިވާ ގޮތުން ފެނާއި ނަރުދަމާގެ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމަކީ ފެނާއި ނަރުދަމާއާ ގުޅޭ ކަންކަން ހިންގުމާ ހަވާލުވެފައިވާ މިނިސްޓްރީގެ ޒިންމާއެކެވެ. ބިލު ގާނޫނަކަށްވުމުން، ގާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމުން، އެ ސިޔާސަތުތައް ކަނޑައަޅާނީ ގާނޫނުން އުފައްދާ އޭޖެންސީންނެވެ.

ބޯން ބޭނުންކުރާ ފެން އުފައްދާ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި އެތަންތަނާ ބެހޭ މައުލޫމާތު ދަފްތަރުކޮށް ބެލެހެއްޓުމާއި ފެނާއި ނަރުދަމާގެ ނިޒާމްތައް ރަޖިސްޓްރީކޮށް، އެ ތަންތަނާ ގުޅޭ މައުލޫމާތު ތަފްތަރު ކުރުމަކީ އެޖެންސީގެ ޒިންމާއެއް ކަމަށް ބިލުގައިވެ އެވެ. އަދި ކޮންމެ ފަރުދަކަށް ބޯ ފެނުގެ ގޮތުގައި ދުވާލަކަށް ބޭނުންވާ އަސާސީ މިންވަރު ކަނޑައެޅުމަކީ ވެސް އެޖެންސީގެ ޒިންމާއެއް ކަމަށް ބަޔާންކުރެ އެވެ.

ފެނާއި ނަރުދަމާގެ ކަންތައްތައް ބަލަހައްޓައި ހިންގުމުގެ މަސްއޫލިއްޔަތު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާ ހަވާލު ކުރެވިދާނެ ކަމަށް ބިލުގައި ބުނެ އެވެ. އެ މަސްއޫލިއްޔަތު ކައުންސިލްތަކާ ހަވާލު ކުރާނީ އެ މަސްއޫލިއްޔަތުތައް ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް ކައުންސިލްތަކުން ތަނަވަސްވެފައިވާކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށާއި އެ މަސައްކަތްތައް ކައުންސިލްތަކާ ހަވާލު ކުރާނީ ކަމާބެހޭ މިނިސްޓްރީ އާއި އެޖެންސީއާ ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ބިލުގައި ބުނެ އެވެ.

ފެނުގެ ބިލް ބުނާ ގޮތުން ބިމުގެ ފެންފަށަލައަކީ ހިމާޔަތް ކުރެވިފައިވާ އެއްޗެކެވެ. ހިމާޔަތްކޮށްފައިވާ ފެންފަށަލައަކީ ހަމައެކަނި ދަނޑުވެރިކަން ފިޔަވައި ސިނާއީ އެހެން މަސައްކަތްތަކާއި ފަތުރުވެރިކަމަށް ދޫކުރެވޭ ފަޅު ރަށްރަށާއި އެފަދަ ރަށްރަށަށް އިތުރުކުރެވޭ ބިމުގެ ސަރަހައްދުތަކާއި ފަޅު ހިއްކައިގެން އެފަދަ ރަށަކަށް އިތުރުކުރެވޭ ސަރަހައްދުތަކެވެ. މީހުން ދިރިއުޅޭ ރަށްތައް ފިޔަވައި އެހެން ރަށްތަކުގެ ފެންފަށަލައަކީ ހިމާޔަތްކޮށްފައިވާ އެއްޗެއް ކަމަށް ބިލުގައި ބަޔާންކުރެ އެވެ.

ހިމާޔަތްކޮށްފައިވާ ފެނުގެ ވަސީލަތްތަކުން ފެން ބޭނުން ކުރުމަށް ހުއްދަ ހޯދަންޖެހޭނެ ކަމަށް ބިލުގައި ބުނެފައިވާ އިރު، އެޖެންސީން ދޫކުރާ ހުއްދަ އެއްވެސް ފަރާތަކަށް ދާއިމީކޮށްދިނުމުގެ ބާރު އެޖެންސީ އަށް ލިބިގެން ނުވާ ކަމަށް ބިލުގައިވެ އެވެ.

ބިމަށް އެއްޗެއް އަޅައިފި ނަމަ ބިމުގެ ފެން ތައައްޔަރުވެދާނެ ތެލާއި ކެމިކަލްފަދަ އެއްވެސް އެއްޗެއް، ރާއްޖޭގެ އެއްގަމު މަގުން އެއްތަނުން އަނެއްތަނަށް ގެންދަންވާނީ އެތަކެތި ގެންދިއުމުގައި ބިމަށް ނޭޅޭފަދަ ގޮތަކަށް ކަމަށް ބިލުގައިވެ އެވެ. އެތަކެތި ބިމަށް އެޅި، ސަރަހައްދުގެ ބިމުގެ ފެންފަށަލަ ތައައްޔަރުވެއްޖެ ނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެކަން ކުރި ފަރާތަކުން ކަަމަށާއި ގަސްތުގައި ނުވަތަ އިހުމާލަކުން އެއްވެސް ކަހަލަ ކެމިކަލްފަދަ ތަކެތި ބިމުގެ ފެންފަށަލަ އަށް އެޅުމަކީ ކުށެއް ކަމަށް ވެސް ބިލުގައިވެ އެވެ.

އެ ބިލު ގާނޫނަކަށް ވުމުން، އެ ގާނޫނުގައި ކުށެއް ކަމަށް ބަޔާކޮށްފައިވާ ފަދަ އަމަލެއްކޮށްފި މީހަކު ނުވަތަ ކުންފުންޏެއް 500ރ. އާއި 100 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބަޔާންކުރެ އެވެ.