16 Jun 2013, 14:22
ގއ. ދާންދޫ ސޯޝަލް ޑިވެވެލޮޕްމަންޓް ފަންޑުން 600،000ރ. ނެގުމަށް ފިނޭންސް މިނިސްޓްރީގައި އެދުނު ނަމަވެސް އެ ފައިސާ ދޫކޮށްފައި ނުވާތީ ފިނޭސް މިނިސްޓްރީގެ މައްޗަށް ދާންދޫ ކައުންސިލުން ދައުވާކޮށްފި އެވެ.
ދާންދޫ ކައުންސިލުން ބުނީ އެ މައްސަލަ ދާންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ މި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
ދާންދޫ ކައުންސިލުން ކުރި ދައުވާގައި ބުނެފައި ވަނީ ސޯޝަލް ޑިވެވެލޮޕްމަންޓް ފަންޑުން ފައިސާ ނެގުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހު ފިނޭންސަށް ޕޭމަންޓް ވައުޗަރެއް ފޮނުވި ނަމަވެސް އެ ފައިސާ ދޫނުކޮށް ހިފަހައްޓާފައިވާ ކަމަށެވެ. އެހެންކަމުން ފަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދާންދޫ ކައުންސިލަށް ދޫކުރުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެދިނުމަށް ދާންދޫ ކައުންސިލުން ކުރި ދައުވާގައި ވަނީ އެދިފަ އެވެ.
ދާންދޫ ކައުންސިލްގެ ރައީސް ޝުއައިބް އަބްދުﷲ ވިދާޅުވީ އެ ފައިސާ އެކައުންޓުން ނެގުމަށް ނިންމާފައި ވަނީ ކައުންސިލްގެ އިއްތިފާގުން ފާސްކުރުމަށް ފަހު ކަމަށެވެ.
އެ ފައިސާ ނަގަން ނިންމާފައި ވަނީ އެ ރަށު މަސްމާރުކޭޓު ރައްޔިތުންގެ ފިހާރަކައަކަށް ބަދަލުކޮށް އެތަނުން ވިޔަފާރި ކުރުމުގެ ބޭނުމުގައި ކަމަށް ވެސް ޝުއައިބު ވިދާޅުވި އެވެ. އެކަމަކީ ކަމާބެހޭ ސާވޭއެއް ކުރުމަށް ފަހު ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ކުރަން ނިންމާފައިވާ ކަމެއް ކަމަށް ވެސް ޝުއައިބް ވިދާޅުވި އެވެ.
އެ މައްސަލަ އާ ގުޅިގެން ފިނޭންސް މިނިސްޓްރީ އަށް ގުޅި އިރު ފޯނަށް ޖަވާބު ނުދޭތީ އެ މިނސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.