ބޮޑެތި އެކިއެކި ދުވަސްތަކާ ގުޅުވައިގެން މަގު ފާރުތަކާއި ގޭގެގައި ކުލަ ލައި މަގުތަކާއި ގޭގޭގައި ބޮކިފަތި ދަމައި ދިދަ ދަމައި ޒީނަތްތެރިކުރުމަކީ ކުރިއްސުރެ ދިވެހިންގެ މެދުގައި އަށަގެންފައިވާ ސަގާފަތެކެވެ. އެހެން ނަމަވެސް މިހާރު އެ ސަގާފަތުގައި ވެސް ވަނީ ސިޔާސީ ކުލަ ޖެހިފަ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ވަކީން ހާއްސަކޮށް ދައުލަތުގެ ބޮޑެތި ފާރުތަކުގައި އެފަދަ އެންމެ ބޮޑު ދެ ޕާޓީން އެ ޕާޓީއެއްގެ ކުލަ ލާއިރު ފަހަތުން އައިސް އެ ކުލަ މަތީ އަނެއް ޕާޓީގެ ކުލަލައި އެ ޕާޓީގެ ކުލައިން ޖަރީކޮށް، ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރި އަންނަނީ ވައިގައިހިފަމުންނެވެ. އެގޮތުން ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ކަމުގައިވާ ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުން ފޯރިއާ އެކު މާލޭގެ އެކިއެކި ސަރަހައްދުތަކުގައި މީގެ ދެ ރޭ ކުރިން ވަނީ ކުލަލައި ދިދަ ފަތިދަމަން ފަށައިފަ އެވެ.

ޕީޕީއެމްގެ ޒުވާން ސަޕޯޓަރުން ނުކުމެ އެ ޕާޓީގެ އަސުރުމާ ކުލަ ލަމުން ގެންދާ އިރު އެމްޑީޕީގެ އަންހެން ވެރިން ފޯރިއާ އެކު ނުކުމެ ފިޔާތޮށި ކުލަ ނިމޭ ހިސާބުން ރީދޫ ކުލަ ލަމުން ގެންދާ މަންޒަރުތައް މިދުވަސް ކޮޅު ވަނީ އާއްމުވެފަ އެވެ.

މާލޭގެ ބައެއް ސަރަހައްދުތަކަށް ބަލާ އިރު ވެސް މިހާރު ފެންނަނީ އެ މަންޒަރުތަކެެވެ. އެގޮތުން ހެންވޭރު ދަނޑުގެ ފާރުގެ މަޖީދީމަގާ ވީ ފަޅީގެ އެއްބައިގައި ޕީޕީއެމްގެ ފިޔާތޮށި ކުލަ ލާފައިވާ އިރު އެމްޑީޕީ އިން ވަނީ ރީދޫ ކުލަ ލައިފަ އެވެ. އަދި ދަނޑަށް ވަންނަ މައިގޭޓު ހުންނަ ފަޅީގައި ޕީޕީއެމްގެ ފިޔާތޮށި ކުލައިން ޒީނަތްތެރިކޮށްފައިވާ އިރު އެމްޑީޕީން ވެސް ވަނީ ދަނޑުގެ އިރުމައްޗާއި އުތުރު ފަޅީގައި ރީދޫ ކުލަ ލައި ޖަރީކޮށްފި އެވެ.

ސޯނަންމަގުގައި ކުރީގެ ނާދީ ހުންނަ ސަރަހައްދަށް ބަލާ އިރު ވެސް މާދުރުން ޕީީޕީއެމްގެ ފިޔާތޮށި ކުލައިގެ ދިދަތައް މަގުމަތިން ވިހުރެމުން ދާތަން ފެނެ އެވެ. އިއްޔެ ރޭ ޕީޕީއެމްގެ ޒުވާނުން ނުކުމެ އެސަރަހައްދުގައި ދިދަތައް ދެމުމަށް ފަހު ރޭ އެ މީހުން ނުކުމެ ނާދީގެ ފާރުގައި ފިޔާތޮށި ކުލަލައި މުޅި ސަރަހައްދު ވަނީ އެއްގޮތް ކޮށްލައިފަ އެވެ.

ޕީޕީއެމްގެ ޒުވާންތަކެއް އިސްނަގައިގެން ފެށި ކުލަ ލުމުގެ މިހަރާކާތްތަކުގައި ހެންވޭރުގައި ހުންނަ އެސްބީއައި ބޭންކް ކުރިމަތިން ބީޗް ސަރަހައްދުގައި ހުންނަ ފާރު ބުރިތަކުގައި ފިޔާތޮށި ކުލަ ލާފައި ވަނިކޮށް އެމްޑީޕީގެ އަންހެންވެރިންތަކެއް ނުކުމެ އެ ކުލަ މަތިން ވަނީ ރީދޫ ކުލަލައިފަ އެވެ.

އެސަރަހައްދަކީ އެމްޑީޕީގެ އަންހެން ސަޕޯޓަރުންތަކެއް ހިތްފަސޭހަތްކޮށްލަން އާއްމުކޮށް ގޮސް ތިބޭ ސަރަހައްދެކެވެ.

އެމްޑީޕީގެ އަންހެން ވެރިން އިއްޔެ އެ ސަރަހައްދު ފާރުބުރީގައި ކުލަލަމުން ދިޔަ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއްތަކެއް އިއްޔެ ވަނީ ބައެއް ސޯޝަލް ނެޓް ވޯކްތަކުގައި ވެސް އާއްމުކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ސަން އަށް ވިދާޅުވީ މާލެ ތެރޭގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުން ނުކުމެ ކުލަލުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ އެ ޕާޓީތަކުގެ އިސްވެރިންނަށް އެނގިގެން ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަމަކީ ޕާޓީގެ ސަޕޯޓަރުން ފޯރީގައި ކުރަމުން ގެންދާ ކަމެއް ކަމުގައިވާތީ އެކަންތައްތައް ކޮންްޓްރޯލް ކުރުމަށް ޕާޓީތަކާ މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ އިމާރާތްތަކުގައި ކުލަލެވޭނީ އެ އޮންނަ އުސޫލެއްގެ ދަށުން ހުއްދަ ނަގައިގެން. ކުލަލުމުގެ ހަރަކާތްތަކަކީ ޕާޓީތަކުގެ ވެރިން ތިއްބަވައިގެން ކުރުވަމުން ގެންދަވާ ކަމެއް ކަމަށް ނުބެލެވޭ. އެއީ ސަޕޯޓަރުން ފޯރީގައި ކުރާ ކަމެއް. އެހެންވެ އެކަމާ މިގެންދަނީ ޕާޓީތަކާ މަޝްވަރާކުރަމުން،" ސުޖާއު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރު އޮތް އިރު މާލެ އާއި އަތޮޅުތަކުގެ ސަރުކާރު ސްކޫލްތަކުގައި ވެސް ވަނީ ރީދޫ ކުލަލައި އެ ތަންތަނުގައި ވެސް ސިޔާސީ ކުލަ ޖައްސައިފަ އެވެ.