ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ)ގެ ދަށުން ބޭއްވި އެއް ހަފްތާގެ ތަމްރީނުތައް ފުރިހަމަ ކުރުމަށްފަހު ފުވައްމުލަކުގެ 8 ކުޅުންތެރިންނާއި ދެ ކޯޗުން މިއަދު އެނބުރި ރަށަށް ގޮސްފި އެވެ.

މި މިމަހުގެ 9 ން 15 އަށް މާލޭގައި ކުރިއަށް ގެންދިޔަ އެ ޓްރޭނިންގް ޕްރޮގްރާމްގައި އެ ކުދިންނާ ހަވާލުވެ އިރުޝާދުތައް ދިނީ ކްރިކެޓް ބޯޑުގެ ޑިވެލޮޕްމަންޓް ކޯޗް ނިލަންތަ ކޫރޭއާއި މުހަންމަދު ޝާފީ އަދި ކަލާފާން ސްކޫލް ޕީއީޓީޗަރު ސުޖިތު އެވެ.

ހަފްތާއެއްގެ މުއްދަތައް ހިންގި އެ ތަމްރީނު ތަކުގެ އިތުރުން ފުވައްމުލަކުން އައި ކުދިން ވަނީ ތިން މެޗެއް ވެސް ކުޅެފަ އެވެ. އެގޮތުން ކްރިކެޓް ބޯޑުގެ ޔޫތު ޓީމާއެކު ކުޅުނު ދެމެޗުން ބަލިވި ނަމަވެސް ވިލިގިލި ޓީމާއެކު ކުޅެގެން އެ ކުދިންވަނީ މެޗު ކާމިޔާބު ކޮށްފަ އެވެ.

ކްރިކެޓް ބޯޑުގެ ރައީސް އަޙްމަދު ޙަސަންދީދީގެ ފަރާތުން ފުވައްމުލަކުގެ 8 ކުޅުންތެރިންނާއި 2 ކޯޗުންނަށް ރޭ، ކްލޭ ޕޮޓްގައި ހާއްސަ ކެއުމެއް ދެއްވާފައިވެ އެވެ. އަދި ވައިޑިޕީ ތަމްރީނު ތަކުގައި ބައިވެރިވި ކުދިންނާއި އޮފިޝަލުންނާއި އަދި އެކުދިންގެ ބެލެނިވެރިންނަށް ހަދާނީ ލިއުމެއް ދެއްވާފައިވެ އެވެ.

އެ ހަފްލާގައި ބޯޑުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ތަމްރީނު ތަކުގައި ދަސްވި އެއްޗެތީގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށާ އަދި އެހެން ކުދިންނަށް އެތަކެތި ބުނެދިނުމަށް އެދިވަޑައިގަތެވެ.