ހަކަތަ އުފެއްދުމަށް ރާއްޖެ އިން ކުރަން ޖެހިފައި ވަނީ މާބޮޑު ހަރަދެއް ކަމަށާއި އެ މައްސަލަ ހައްލުނުކޮށް ތަރައްގީއާއިގެން ކުރިއަށް ނުދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ އެންވަޔަރުމެންޓް މިނިސްޓްރީން އިންތިޒާމުކޮށްގެން ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި މިއަދު ފެށި "އިންވެސްޓާސް ކޮންފަރެންސް އޮން ރިނިއުވަބްލް އެނަޖީ އިންދަ މޯލްޑިވްސް" ހުޅުވައި ދެއްވުމުގެ ގޮތުން ވާހަކަ ފުޅު ދައްކަވަމުންނެވެ.

"މިގައުމުގެ ތަރައްގީ މިހާރު ވަނީ ހަތަރު އަނގޮޅިއެއްގައި، ހަކަތައިގެ މައްސަލަ ހައްލު ނުވެ، އަޅުގަނޑުމެންނަށް އިތުރަށް ކުރިއަކަށް ނުދެވޭނެ،" ރައީސް ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު އަދި ވިދާޅުވީ ތިމާވެއްޓާއި ހަކަތަ އަށް ހާއްސަ ވަކި މިނިސްޓްރީއެއް އުފެއްދެވީ އެހެންވެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ފޮސިލް ފިއުލް ބޭނުން ކުރުމުގެ ސަބަބުން ހިނގާ ހަރަދާއި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކަމަށެވެ.

މިހާރު ރާއްޖޭގައި ހަކަތައިގެ (ކަރަންޓް)ގެ އަގު ހުރީ އާބާދީގެ ގިނަ މީހުންނަށް ބޭނުންކުރެވޭ ފަދަ އަގެއްގައި ނޫން ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

"މިހާރު ހުރި އަގުގައި، އަޅުގަނޑުމެންގެ މީހުންނަށް، ގިނަ މީހުންނަށް ހަކަތައިގެ ބޭނުމެއް ނުކުރެވޭނެ، ތެލުގެ އަގަށް ބަދަލެއް އަންނަ ކޮންމެ ފަހަރަކު ބޮޑު ހާސްކަމެއް އުފެދިގެންދޭ،" ރައީސް ވަހީދު ވިދާޅުވި އެވެ.

އަދި އެކަމުގެ ސަބަބުން ތެލުގެ ސަބްސިޑީ އަށް އަހަރަކު 12 މިލިޔަން ހަރަދުކުރަން ޖެހޭ ކަމަށާއި މި މައްސަލައަކީ ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ ކަމަށް ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މާދަމާގެ ނިޔަލަށް ބަނޑޮސް އައިލެންޑް ރިޒޯޓްގައި ކުރިއަށް ގެންދާ އިއާދަކުރަނިވި ހަކަތައިގެ ދާއިރާގެ އިންވެސްޓަރުންގެ ކޮންފަރެންސްގައި އދ. އާއި ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި ދުނިޔޭގެ އެކި ގައުމުތަކުގެ ކުންފުނިތަކާއި ރާއްޖޭގެ ކުންފުނިތަކުން މަންދޫބުން ބައިވެރިވެ އެވެ.

ކޮންފަރެންސްގެ ބޭނުމަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓް ކުރާނެ އިންވެސްޓަރުން ހޯދުން ކަމަށެވެ. ކޮންފަރެންސްގެ ސަބަބުން އީއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާ އިން ރާއްޖެ އަށް ގިނަ އެހީތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރް ޑރ. މަރިޔަމް ޝަކީލާ ވިދާޅުވި އެވެ.

"މިކޮންފަރެންސްގެ ސަބަބުން އިރާދަކުރެއްވިއްޔާ، ދެންމެ ރައީސް ވެސް އެވިދާޅުވި ފަދައިން ދެންމެ އޭޑީބީގެ ފަރާތުން ވަޑައިގެންނެވި ބޭފުޅުން ވިދާޅުވި ފަދައިން، އަޅުގަނޑުމެންގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްގީކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ،" ޑރ. ޝަކީލާ ވިދާޅުވި އެވެ.