16 Jun 2013, 11:50
ހުޅުމާލޭގައި ހުކުރު ދުވަހު ފެށި މެޓްރޯ ސިޓީ ބަހުގެ ޚިދުމަތުގެ އަގު ތިން ރުފިޔާ އަށް ބަދަލުކުރުމާ ގުޅުވައިގެން ކުރި މުޒާހަރާގައި ހުކުރު ދުވަހު ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައި ހަތަރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފުލުހުންގެ މިޑިއާ އޮފިޝަލަކު ވިދާޅުވީ މުޒާހަރާގައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިޔުމުން އެކަކު ދޫކޮށްލާފައިވާއިރު ދެންތިބި ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ކުޑަކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ހަތް ދުވަހަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެ މުޒާހަރާގައި ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެގަނެ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅާފައި ވާތީ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންނަށް މަރުގެ އިންޒާރުދިން މައްސަލައަކާ ގުޅިގެން ވެސް ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މުޒާހަރާގައި ހަރަކާތްތެރިވެފައި ވަނީ އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުންނެވެ.