16 Jun 2013, 11:36
އޮޑިޓާ ޖެނެރަލް ނެރޭ ރިޕޯޓްތަކުގައި ފާހަގަކޮށްފައި ހުރި ކޮރަޕްޝަންގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރަން ފަށައިފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ އޮޑިޓާ ޖެނެރަލް ނެރުއްވާ ރިޕޯޓްތައް ޖެހިގެން އަންނަ ހަފުތާގައި ކޮމިޝަންގެ ޖަލްސާގައި އެޖެންޑާކޮށްގެން ބަލަން ފަށާ ކަމަށެވެ.
"މިދިޔަ ހަފުތާގެ ފަހުކޮޅުނު ނެރުނު ރިޕޯޓް ފިޔަވައި އެހެން ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް މިގެންދަނީ ހާއްސަ ސަމާލުކަމެއްދީގެން ތަހުގީގުކުރަމުން. އޭގެ ބައެއް ރިޕޯޓްތަކުގައި އެބަހުރި އަޅުގަނޑުމެން މިހާރު ބަލަމުން އަންނަ މައްސަލަތަކެއް ވެސް،" އޭނާ ވިދާޅުވި އެވެ.
މުއައްވިޒު ވިދާޅުވީ އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓްތަކުގެ ތެރެއިން 2010 ވަނަ އަހަރުގެ ފިނޭންސް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ހުރި މައްސަލަތަކެއް ބަލައި ނިމިފައިވާ ކަމަށެވެ. އެގޮތުން ފޮތްތަކެއް ޗާޕުކުރި މައްސަލައާއި ކާރުތަކެއް ގަތް މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިދިޔަ އަހަރުގެ ތެރޭގައި ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަހުން ނެރުނު ރިޕޯޓްތަކުގެ ތެރެއިން އެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި އޭސީސީން ތަހުގީގުކުރަން ލަފާދީފައިވާ ވަކި ވަކި މައްސަލަތައް އަޅުގަނޑުމެން މިގެންދަނީ ހާއްސަ ސަމާލުކަމެއްދީގެން ބަލަމުން. އަދި އޭގެ ފަހުން ނެރުނު އެހެން އޮޑިޓް ރިޕޯޓްތަކުގައި ހުރި މައްސަލަތައް ވެސް އަޅުގަނޑުމެން ބަލަމުން ގެންދާނަން،" މުއައްވިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންތައްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ. އަދި މަދަނީ ބަދަލު ހޯދުމުގެ މައްސަލަތައް ކުރިޔަށް ގެންދަން ޖެހޭނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ފިނޭންސް މިނިސްޓްރީން ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ ފިނޭންސް އަށް ވެސް އެކަށީގެންވާ މިންވަރަށް އެ މައްސަލަތަކުގައި ފިޔަވަޅު އެޅިފައިނުވާކަމަށް. އަދި މަދަނީ ބަދަލު ހޯދަން ޖެހޭކަންތައްތައް އެޓާނީ ޖެނެރަލްގެ އޮފީހަށް ވެސް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ. އެހެންވެ ދައުލަތަށް ލިބެން ޖެހޭ ވަރަށް ގިނަ ފައިސާތަކެއް ނުލިބި އެބަހުރި،" އޭނާ ވިދާޅުވި އެވެ.