ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަމުންދާ އިންތިޒާމުތަކާ ގުޅޭ ގޮތުން ފުލުހުންނަށް މައުލޫމާތު ދިނުމުގެ މަސައްކަތް ފަށައިފި އެވެ.

އާއްމު އިންތިޚާބުގެ ކަންތައްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފުލުހުނާއި އެކި ޑިޕާޓްމަންޓުތަކުގެ ފުލުހުން ބައިވެރިވެރިކޮށްގެން ހިންގާ މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ މުއައްސަސާ އިންނެވެ. ފުލުސް ބުނީ އެ ސެޝަންތައް ކުރިއަށް ގެންދަނީ އިންސްޓިޓިއުޓް ފޯ ސެކިޔުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްއާ ގުޅިގެންނެވެ.

އިސްކަންދަރު ބިލްޑިންގުގައި ކުރިއަށްދާ އެ ސެޝަންތަކުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށާއި ރިޔާސީ އިންތިޚާބުގައި ޢަމަލުކުރާނެ ގޮތްތަކާ ބެހޭ ގޮތުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެ އެވެ. މީގެއިތުރުން ވޯޓުލާ ދުވަހު ވޯޓު ފޮށި ބެހެއްޓިފައި ހުންނަ ސަރަޙައްދުތައް ބަންދުކުރެވިފައިވާނެ ގޮތްތަކާ ވޯޓުލާ ސަރަޙައްދުގައި ޢާންމު ހަރަކާތްތެރިވާނެ ގޮތްތަކާ ބެހޭ ގޮތުންނާއި މި ސަރަޙައްދުތަކުގައި ފުލުހުން ޙަރަކާތްތެރިވަމުންދާ އިރު ވިސްނަން ޖެހޭ ކަންކަމާ ބެހޭ ގޮތުން ފުލުހުންނަށް މަޢުލޫމާތުދީފައިވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާއަކަށް ކުރިއަށްދާ އެ ސެޝަންތައް ފައްޓަވައި ދެއްވާފައި ވަނީ އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤެވެ. އެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނާއި އައިލްގެ ބައެއް ވެރިން ބައިވެރިވި އެވެ.