16 Jun 2013, 11:14
ކުރީގެ އެޓޯލްސް މިނިސްޓްރީން ގަތް ބަނދަރު ބައްތިތަކުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކުރުމުން ބޭއްވި އަޑުއެންތައް ނިންމާލައިފި އެވެ.
އެ މައްސަލައިގައި ނާޒިމްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީ އަށް 220 ބަނދަރު ބައްތި ގަތުމަށް 2003 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކުރި އިއުލާނަކާ ގުޅިގެން ނަމީރާ އިންޖިނިއަރިން އެންޑް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރަކަށް ހުރެ އެ ކުންފުނީގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން އެހެން ދެ ކުންފުންޏަކަށް ނޭނގި އެ ދެ ކުންފުނީގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާ ކަމުގެ ތުހުމަތުގަ އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ދައުވާގެ އަސްލު ބިނާވެފައިވާ ކަންތައް ކޮށްފައި ވަނީ ކުންފުނީގެ މުވައްޒަފުންކަން ތަހުގީގު ބަޔާންތަކުން އެނގޭ އިރު، ދައުވާގައި ބުނެފައިވާ ކަންތައް އަމަލީ ގޮތުން ކުރި މީހުންނަކީ ހެކީންގެ ގޮތުގައި ބަލައިގަނެ ނާޒިމްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.
ހައިކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ ދައުލަތުން ކުރާ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކީން ހުށަހެޅުމުން ދެންޖެހޭނީ އެ ހެކީންގެ ހެކިބަސް ނަގަން ކަމަށް ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ކުރުމުގެ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެ މައްސަލަ ނިންމާފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނުނަގައި ކަމަށް ރާބިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެސްޓިމޭޓް ހުށަހެޅުމުން ނަމީރާގެ މުވައްޒަފުންނަށް އެއްވެސް މަންފާއެއް ނުލިބޭ އިރު، ނާޒިމް ނުބުނަނީސް އެ ކުންފުނީގެ މުވައްޒަފުން އެކަން ކޮށްފާނެ ކަމަށް ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލުކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަންފާގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ނަމީރާ އަށް ލިބިފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ރާބިއު ވިދާޅުވި އެވެ.
ދައުލަތުގެ ވާހަކަތަކަށް ރައްދުދެއްވައި ނާޒިމް ވިދާޅުވީ ދައުވާގައި ބުނެފައިވާ ކަންތައް ކޮށްފައި ވަނީ ކުންފުނީގެ މުވައްޒަފުންކަން އެ މީހުން ތަހުގީގަށް ދީފައިވާ އިއުތިރާފު ބަޔާންތަކުން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އެހެންކަމުން މުވައްޒަފުންނަކީ ހެކީންގެ ގޮތުގައި ބަލައިގަނެ އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދުވަސްވަރު އޭނާ ހުންނެވީ ސަރުކާރުގެ ވަޒީފާއެއްގައި ކަމަށާއި ކުންފުނީގެ މަސައްކަތްތައް އޭރު ބެލެހެއްޓެން ނެތުމުން އަހްމަދު އަޝީތު އާއި މަސައްކަތްތައް އޭނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ދައުލަތުގެ ވަކީލު ރާބިއު ވިދާޅުވީ ހެކިވެރިންނަކީ އަދުލުވެރި ނޫންބައެއް ކަމަށް ބެލެވޭނީ އަދުލުވެރިކަން ގެއްލޭ ފަދަ ބޮޑު ކުށެއް ކޮށްފައިވާ އަދި ކުދި ކުށްތައް ކުރުމުގައި ދެމިހުރި މީހަކަށްވާ ނަމަ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ ހެކީންނަކީ މީގެކުރިން ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ ބައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަލީ ސަމީރު ވިދާޅުވީ އިތުރުކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
އެ މައްސަލައިގެ އިތުރުން ކުރީގެ އެޓޯލްސް މިނިސްޓްރީ އަށް 15،000 ދިދަ ގަތުމުގެ ޕްރޮޖެކްޓާއި ސައުންޑު ސިސްޓަމްގަތުމުގެ ޕްރޮޖެކްޓް މަކަރާއި ހީލަތުން ކާމިޔާބު ކުރެއްވި ކަމުގެ ތުހުމަތުގައި ވެސް ދައުލަތުން ނާޒިމްގެ މައްޗަށް ދައުވާ ކުރި އެވެ. ނަމަވެސް އެ ދެ މައްސަލައިގައި ވެސް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންނަކީ ދައުވާގައި ބުނެފައިވާ ކަންތައް އަމަލީ ގޮތުން ކުރި މީހުންކަމަށް ވާތީ އެ މީހުން ހެކީންގެ ގޮތުގައި ބަލައިގަނެ ނާޒިމްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.