ފާހާނާއާއި ބަދިގެ އިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި ފަރުނީޗަރާއި ތަށިމުށި ފަދަ ތަކެތި އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ކޯލާ" ބްރޭންޑްގެ އުފެއްދުންތައް ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތައާރަފުކޮށްފި އެވެ.

އެމެރިކާގެ މަޝްހޫރު އުފެއްދުމެއް ކަމަށްވާ ކޯލާ ބްރޭންޑްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާ އަކީ އެލިއާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް އެވެ.

ކޯލާ ބްރޭންޑްގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ރަސްމީކޮށް ލޯންޗް ކުރުން އޮތީ ޓްރޭޑާސް ހޮޓެލްގައި ރޭ އޮތް ހަފްލާއެއްގަ އެވެ. އެ ހަފްލާގައި އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދާއި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒުގެ އިތުރުން ކޯލާ އިންޑިޔާގެ އިސްވެރިންނާއިން އެލިޔާގެ އިސްވެރިންނާއި އަދި މަސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ 1960ގެ އަހަރުތަކުގެ ތެރޭގައި ވުޖޫދަށް އައި އެލިއާއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތަރައްގީކޮށް ކުރިއެރުވުމުގައި މުހިއްމު ދައުރެއް އަދާކޮށްދީފައިވާ އަދި މިހާރު ވެސް ފާހަގަ ކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެމުން ގެންދާ ކުންފުންޏެއް ކަމަށާއި އަދި އެލިއާ އަކީ ޓޫރިޒަމްއާއި ދަނޑުވެރިކަމާ އެނޫން ވެސް އެތައް ދާއިރާތަކެއްގެ އިތުރުން ރާއްޖެ އަށް ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ތަފާތު ބްރޭންޑްތައް އެތެރެކޮށް ވިއްކާ، ހިދުމަތްތެރި ކުންފުންޏެއް ކަމަށެވެ.

އެލިއާ އާއި ކޯލާ ގުޅިގެން އިއްޔެ ހަވީރު އެމްޕީއެލް ސަރަހައްދުގައި ވަނީ، ކޯލާގެ އުފެއްދުއްތަކަށް ހާއްސަ ޝޯރޫމެއް ވެސް ހުޅުވާފަ އެވެ. އެގޮތުން އެ ޝޯރޫމުން ކޯލާ ބްރޭންޑްގެ ބަދިގެއާއި ފާހާނާ ހެދުމަށް ބޭނުންވާ ސާމާނުތައް ލިބެން ހުރެއެވެ. އަދި އެތަކެތި ގަތުމުގެ ކުރިން ތަޖުރިބާ ކޮށްލުމުގެ އިންތިޒާމް ވެސް ޝޯރޫމްގައި ހަމަޖައްސާފައި ހުރެއެވެ.

ކޯލާ އިންޑިއާގެ މެނެޖިން ޑައިރެކްޓަރު ސަލީމް ވިދާޅުވީ، އެކުންފުނިން އުފެއްދުންތައް ގަތުމަށް، މިހާރު ސިންގަޕޫރު، ދުބާއީ، އިންޑިޔާ، ޝްރީލަންކާފަދަ ތަންތަނަށް ދިއުމުގެ ބަދަލުގައި ރާއްޖެއިން އެ އުފެއްދުންތައް ލިބެން ހުންނާނޭ ކަމަށާއި، އަދި އަގުތައްވެސް ހުންނާނީ ރާއްޖެ އިން ބޭރުންވެސް އެތަކެތި ގަންނަން ލިބެން ހުނާނޭ އަގުތަކުގައި ކަމަށެވެ.