16 Jun 2013, 10:29
ކެއުމަށް ފަހު މަދުވެގެން 15 މިނެޓު ވަންދެން ހިނގާލުމަކީ ދުވަސްވީ މީހުން ޑައެބެޓީސް ނުވަތަ ހަކުރު ބަލީގެ "ޓައިޕް ޓޫ" އިން ރައްކާތެރިކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ހަކުރު ބަލީގެ "ޓައިޕް ޓޫ" އަކީ ހަކުރު މައްޗަށް ދިއުމެވެ.
އެމެރިކާގެ ޖޯޖް ވޮޝިންޓަން ޔުނިވާސިޓީ އިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ކެއުމަކަށް ފަހު 15 މިނެޓު ހިނގާލުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ކަމެކެވެ.
ހިނގުން ފަދަ ހަރަކާތްތެރި ކަންކަން ކޮންމެ ދުވަހަކު ކުރާ ނަމަ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަވާ ކަން މީގެ ކުރިން އެނގިފައިވާ ނަމަވެސް، އެއް ފަހަރާ އެއް ގަޑިއިރު ކަސްރަތު ކުރުމުގެ ބަދަލުގައި ކޮންމެ ކެއުމަކަށް ފަހު 15 މިނެޓު ހިނގުމަކީ ދުވާލަކު އެއް ގަޑިއިރު ކަސްރަތު ކުރުން ފަދަ އަސަރެއް ހަށިގަނޑަށް ކުރާ ކަމެއް ކަން މިދިރާސާ އިން އެނގޭ ކަމަށް ޖޯޖް ވޮޝިންޓަން ޔުނިވާސިޓީ އިން ބުނެ އެވެ.
މިދިރާސާގައި ބުނެފައި ވަނީ ކެއުމަށް ފަހު ލޭގައި ހަކުރު ހުންނަ މިންވަރު މައްޗަށް ދާ ވަގުތު އަރާމުކޮށްލުމަކީ ކުރެވޭނެ އެންމެ ގޯސް ކަން ކަމަށާއި އޭގެ ބަދަލުގައި ހިނގާލަން ނުކުތުމަކީ ލޭގައި ހުންނަ ހަކުރު ދަށްވެ، ބްލަޑް ޝުގާ ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަމެއް ކަމަށެވެ.
މިދިރާސާގެ ލީޑް އޯތާ ލޮރެޓާ ޑިޕިއެޓްރޯ ވިދާޅުވީ މިއީ މިހާތަނަށް ކުރު ވަގުތުތަކުގައި ކަސްރަތުކޮށްގެން ހަކުރު ބަލިން ރައްކާތެރިވޭތޯ ބެލުމަށް ހެދުނު ފުރަތަމަ ދިރާސާ ކަމަށެވެ.
ލޮރެޓާ ވިދާޅުވީ ދުވާލަކު 45 މިނެޓު ހިގުމާއި ކޮންމެ ކެއުމަކަށް ފަހު 15 މިނެޓު ހިނގުމާ ދެމެދު މާބޮޑު ތަފާތެއް ނެތް ކަމަށާއި ދެގޮތަށް ކަންކުރުމުން ވެސް ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރެވޭ ކަމަށެވެ.
ނަމަވެސް ކެއުމަށް ފަހު ލޭގައި ހަކުރު އެންމެ ގިނަވާ "ނުރައްކާތެރި ވަގުތުކޮޅު" ހިނގާލުމަކީ ކޮންމެ ދުވަހަކު 45 މިނެޓު ހިނގުމަށް ވުރެ މާ އިފެކްޓިވްކޮށް އަދި ފަސޭހަކަމާ އެކު ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރެވޭ ކަމެއް ކަމަށް ދިރާސާ އިން ދައްކާ ކަމަށް ލޮރެޓާ ވިދާޅުވި އެވެ.
ވޮޝިންޓަން ޔުނިވާސިޓީ އިން މިދިރާސާ ހަދާފައި ވަނީ އުމުރުން 60 އަހަރުވެފައިވާ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު 10 މީހަކު ލައްވާ ކެއުމަށް ފަހު ހިންގުވައިގެން ނެވެ.