ޤާހިރާ (ޖޫން 16): ސޫރިޔާއާ އެކު ބާއްވާ ޑިޕްލޮމެޓިކް ހުރިހާ ގުޅުންތަކެއް ކަނޑާލިކަން މިސްރުން އިޢްލާންކޮށްފި އެވެ.

އަހްލީ ހަނގުރާމައިގެ ސަބަބުން ޙާލުގައިޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގޮތުން ޤާހިރާގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިސްރުގެ ރައީސް މުޙައްމަދު މުރުސީ ވިދާޅުވީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ އެކު ބާއްވާ ހުރިހާ ބާވަތެއްގެ ޑިޕްލޮމެޓިކް ގުޅުންތަކެއް މިސްރުން މިހާރު ކަނޑާލައިފި ކަމަށާ ދިމިޝްޤުގައި ހުންނަވާ މިސްރުގެ ޝާޒްޑިއެފެއާ އަނބުރައި ޤާހިރާ އަށް ގެނަސް ޤާހިރާގައި ހުންނަވާ ސޫރިޔާގެ ސަފީރު މިސްރުން ބޭރުކުރުމަށް ނިންމަވާފައިވާ ކަމުގަ އެވެ.

މިސްރުން މިގޮތަށް ޢަމަލުކުރަން ޖެހުނީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުން ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ކަމަށް ވެސް މުރުސީ ވިދާޅުވި އެވެ. މުރުސީ ވިދާޅުވީ ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް މިސްރުން ނުވަންނާނެ ކަމަށާ ސޫރިޔާގެ ރައްޔިތުންގެ ޙައްޤުތައް ލިބެންދެން ސޫރިޔާގެ ރައްޔިތުންނަށް އެހީތެރިވުމުގައި މިސްރު ދެމިއޮންނާނެ ކަމުގަ އެވެ. މުރުސީގެ ވާހަކާގައި ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް ގޮވާލެއްވި އެވެ. އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ޖަމާއަތެއްގެ ގޮތުގައި އޮވެގެން ހިޒްބުﷲ ހިންގާ މިޢަމަލު ގަބޫލު ނުކުރެވޭނެ ކަމަށް ވެސް މުރުސީ ވިދާޅުވި އެވެ.

ސޫރިޔާގެ މައްސަލަ ޢަސްކަރީ ގޮތުން ޙައްލުކުރުމާ މިސްރު ދެކޮޅު ހަދާކަމަށް ވިދާޅުވަމުން މުރުސީ ވަނީ ސޫރިޔާގެ އދިކޮޅު ފަރާތްތަކަށް ހަތިޔާރު ދިނުމަށް އެމެރިކާ ނިންމި ނިންމުންވެސް ނުސީދާގޮތެއްގައި ކުށްވެރި ކުރައްވާފައެވެ. އަދި ސޫރިޔާގެ މައްސަލަ ޙައްލުކުރެވޭނީ ސުލްހަވެރި ގޮތުގައި ކަމަށް ވިދާޅުވަމުން ސޫރިޔާގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި ބޭރުގެ ޢަސްކަރީ ބާރުތައް އެގައުމަށް ވަނުމަށާއި ސޫރިޔާގައި ހަނގުރާމަ ކުރާ ދެފަރާތަށް ހަތިޔާރު ފޯރުކޮށްދިނުމާވެސް މިސްރުން ދެކޮޅު ހަދާކަމަށް ރައީސް މުރުސީ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)