16 Jun 2013, 09:55
އީރާނުގެ ހަތްވަނަރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި ޑރ. ޙަސަން ފަރީދޫން ރޫޙާނީ އަކީ އެގައުމުގެސިޔާސަތުތަކަށް އިސްލާޙީ ބަދަލުތައް ގެނަސް ބޭރު ދުނިޔެއަށް އީރާން އިތުރަށް ހުޅުވާލުމަށް ގޮވާލާ އިސްލާޙީ ޚިޔާލަށް ތާއީދުކުރައްވާ މެދުމިނުގެ ސިޔާސަތުގެ ބޭފުޅެކެވެ.
އުމުރުފުޅުން 64 އަހަރުގެ ޑރ. ޙަސަން ފަރީދޫން ރޫޙާނީ އުފަންވެވަޑައިގެންފައި ވަނީ 1948 ވަނަ އަހަރު އީރާނުގެ ސިމްނާން ޕްރޮވިންސްގެ ސިރްޚަތު ސިޓީއަށެވެ. އެންމެ ފުރަތަމަ ތަޢްލީމު ޙާސިލްކުރެއްވީ ސިމްނާނާއި ޤުމްގައިވާ ޝިޔަޢީންގެ ދީނީ މަދްރަސާތަކުންނެވެ. އޭގެފަހުން ރޫޙާނީ، ތެހެރާން ޔުނިވަސިޓީގައި ޤާނޫނީ ރޮނގުން 1970 ވަނަ އަހަރު ފުރަތަމަ ޑިގްރީ ޙާސިލްކުރެއްވި އެވެ. އަދި ގިނަ ދުވަސްތަކެއްވަންދެން ޢަމަލީ މައިދާންގައި އުޅުއްވުމަށް ފަހު 1990ގެ އަހަރުތަކުގައި އިނގިރޭސިވިލާތަށް ވަޑައިގެން މަތީތަޢްލީމު ޙާސިލް ކުރެއްވި އެވެ.
މިގޮތުން ރޫޙާނީ، އިނގިރޭސިވިލާތުގެ ގްލާސްކޯ ކެލިޑޯނިޔާން ޔުނިވަސިޓީން 1995 ވަނަ އަހަރު ޤާނޫނީ ދާއިރާ އިން މާސްޓާސް އަދި 1999 ވަނަ އަހަރު ހަމަ އެޔުނިވަސިޓީގައި ގާނޫނީ ދާއިރާ އިން ޕީއެޗްޑީ ( ޑޮކްޓާސް އޮފް ފިލޯސަފީ) ޙާސިލް ކުރައްވާފައިވެ އެވެ.
ރޫޙާނީއާއި އޭނާގެ ޢާއިލާއަކީ އެމެރިކާގެ މަދަދާއި ތާއީދާ އެކު ދިގުމުއްދަތަކަށް އީރާނުގައި ރަސްކަންކުރެއްވި ޑިކްޓޭޓާ ޝާހް މުޙައްމަދު ރިޒާ ޕަހެލަވީގެ ވެރިކަމާ އިދިކޮޅު ބައެކެވެ. އެކަމާގުޅިގެން ޝާހުގެ ވެރިކަމުގައި އީރާނުގެ ކުރީގެ ޖާސޫސީ އިދާރާ "ސާފާކް" (ޝާހްގެ ސިއްރު ފުލުހުން)ގެ އަމާޒަކަށް ރޫޙާނީވެ އެތައް ފަހަރަކު ޖަލުގައި ހައްޔަރުކޮށް އޭނާއަށްބޮޑެތި އަނިޔާ ލިބިފައިވެ އެވެ.
ޝާހުގެ ވެރިކަމާ ދެކޮޅަށް އީރާނުގެ ރައްޔިތުން އުތުރިއަރައިގެން ދިޔުމާގުޅިގެން 1979ގައި އާޔަތުﷲ ޚުމައިނީގެ ޒަޢާމަތުގައި އީރާނަށް ގެނައި އިސްލާމީ އިންޤިލާބަށް ފަހު މިއަދާޖެހެންދެން ވެސް ރޫޙާނީ ގެންދަވަނީ އީރާނުގެ ސަރުކާރާއި ދައުލަތުގެ ސިޔާސީ އަދި ފަންނީ އިސްމަޤާމުތަކެއް ފުރުއްވަމުންނެވެ. މިގޮތުން 1980 ވަނަ އަހަރުން 2000 ވަނަ އަހަރާ ހަމައަށް ޖެހިޖެހިގެން ފަސް ފަހަރު އީރާނުގެ ޕާލަމެންޓް (ޝޫރާ މަޖިލިސް)ގެ މެންބަރުކަމަށް އިންތިޚާބުވެ ވަޑައިގެންފައިވެ އެވެ.
ޑރ. ރޫޙާނީ އަކީ އީރާނުގެ ސިޔާސަތުތަކަށް އިސްލާޙީ ބަދަލުތައް ގެނަސް ބޭރު ދުނިޔެއަށް އީރާން އިތުރަށް ހުޅުވާލައި އީރާނާއި ބައިނަލްއަޤްވާމީ މުޖްމަޢުގެ ގުޅުންތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް ގޮވާލާ އިސްލާޙީ ފިކުރުމުގެ މުގުލުގައި ހުންނެވި އެގައުމުގެ ކުރީގެ ރައީސް މުޙައްމަދު ޚާތަމީއާއި ކުރީގެ އެހެން ރައީސެއް ކަމަށްވާ ޢަލީ އަކްބަރު ޙާޝިމީ ރަފްސަންޖާނީގެ ތާއީދު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މިދެ ރައީސުންގެ ދައުރުގައި ޖުމަލް 16 އަހަރުވަންދެން އީރާނުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމް، ރޫޙާނީ އަދާ ކުރައްވާފައިވާފައިވެ އެވެ.
މިދިޔަ ހުކުރު ދުވަހު އީރާނުގައި ބޭއްވި ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަންދެން އޭނާ ހުންނެވީ އީރާނުގެ ދައުލަތުގެ ބާރުގަދަ ދެކައުންސިލެއް ކަމަށްވާ އެކްސްޕެޑިއެންސީ ކައުންސިލް އާއި ތަޖްރިބާކާރުންގެ ކައުންސިލްގެ ވެސް މެންބަރަކަށެވެ. މީގެއިތުރުން ރޫޙާނީ ވަނީ އީރާނުގެ ނިއުކްލިޔަރ މައްސަލާގައި އީރާނާ ހުޅަނގާއި ދެމެދު ދެކެވެމުންދާ ވާހަކަތަކުގައި ބައިވެރިވި އީރާނުގެ ވަފްދުގެ އިސްވެރިއެއްގެ ގޮތުން 2003 ން 2005 އަށް ޙަރަކާތްތެރިވެ ވަޑައިގެންފަ އެވެ.
ރޫޙާނީ އަކީ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކާއި ނިއުކްލިޔަރ ހަކަތައާބެހޭ އދ. ގެ އިދާރާ (އައިއޭއީއޭ)ގެ މަންދޫބުންނާ ފިސާރި ކެރިގެން ކުރިމަތިލައްވައި އީރާނުގެ ނިއުކްލިޔާ ޙައްޤުތައް ދިފާޢުކުރެއްވި ކުޅަދާނަ ޑިޕްލޮމޭޓެކެވެ. ނިއުކްލިޔާ ވާހަކަތަކާ ބެހޭ އީރާނުގެ ވަފްދުގެ އިސްވެރިއަކަށް ރޫޙާނީ ހުންނެވި ދުވަސްވަރު ނިއުކްލިޔާ މައްސަލާގައި އދ. މެދުވެރިކޮށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ހުޅަނގުގެ ބާރުތަކަށް ކުޑަވެގެންދިޔައީ މިވާހަކަތަކުގައި އޭނާ ގެންގުޅުއްވި ޙިކްމަތްތެރިކަމާއި ހުނަވަރުވެރިކަމުގެ ސަބަބުން ކަމަށްވެ އެވެ. އިނގިރޭސިބަހަށް ވަރަށް ދޫހެލޭ ރޫޙާނީ، އީރާނުގެ ނިއުކްލިޔާ ޙައްޤުތައް ދިފާޢުކުރައްވައި ދައްކަވާފައިވާ ވާހަކަތާއި ގެންގުޅުއްވި ހުނަރުތަކާއި ޙިކްމަތްތެރިކަމަށް ހުޅަނގުގެ ބައެއް ފަރާތްތަކުން ވެސް ތަޢްރީފްކޮށްފައިވެ އެވެ.
ޑރ. ރޫޙާނީ، އީރާނުގެ ރިޔާސީ އިންތިޚާބު، ފުރަތަމަ ބުރުން ކާމިޔާބު ކުރެއްވުމަކީ އެގައުމުގެ މިހާރުގެ ރައީސް އަޙްމަދީ ނެޖާދް ފަދަ ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭ ކޮންޒަވެޓިވް ޚިޔާލުގެ ބޭފުޅުންގެ މައްޗަށް އިސްލާޙީ ޚިޔާލުގެ މަޑުމައިތިރި އަދި މެދުމިނުގެ ފަރާތްތަކުން ހޯދި އާދަޔާ ޚިލާފު ކާމިޔާބީ އެއްކަމަށް މުރާސިލުން ސިފަކުރެ އެވެ.
ރޫޙާނީ ވެސްވަނީ އޭނާގެ ކާމިޔާބީ އަކީ ހަރުކަށި ޚިޔާލުގެ ފަރާތްތަކުގެ މައްޗަށް ޙިކްމަތްތެރި އަދި މެދުމިނުގެ ޚިޔާލަށް ލިބިގެންދިޔަ ކާމިޔާބީ އެއްކަމަށް ސިފަކުރައްވާފަ އެވެ. ރޫޙާނީގެ ކާމިޔާބީ އަށް އޭނާގެ ސިޔާސީ ވާދަވެރިން ކަމަށްވާ މިހާރުގެ ރައީސް އަޙްމަދީ ނެޖާދް އާއި ރިޔާސީ ރޭހުގައި އޭނާއާ ވާދަކުރެއްވި އަނެއް ފަސް ކެންޑިޑޭޓުން ވެސް ވަނީ ފޯނުން ގުޅުއްވައި މަރްޙަބާ ދަންނަވާފަ އެވެ. އަދި އީރާނުގެ ދީނީ މުރްޝިދު ޢާޔަތުﷲ ޢަލީ ޚަމަނާއި ވެސްވަނީ ރޫޙާނީ މަރްޙަބާ ދަންނަވާފަ އެވެ.
މީގެއިތުރުން އީރާނާ މެދު ދުޝްމަންކަން ގެންގުޅޭ އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުންވެސް ވަނީ ޑރ. ރޫޙާނީ ގެ ކާމިޔާބާމެދު ހިތްހަމަޖެހޭ ކަމަށްބުނެ އޭނާ އަށް މަރްޙަބާ ކިޔާފަ އެވެ. ވައިޓް ހައުސް އިން ވަނީ ރޫޙާނީގެ ޒަޢާމަތުގައި އީރާނާއެކު ސީދާ ގޮތެއްގައި ވާހަކަ ދައްކަން ވެސް އެމެރިކާ ތައްޔާރަށް އޮތްކަން ރޭގެ ވަގުތެއްގައި ހާމަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)