16 Jun 2013, 09:51
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 8 ގައުމުގެ ޖަމިއްޔާ ކަމަށްވާ ޖީ8ގެ ސަމިޓެއް ބާއްވަން އަޔަލެންޑުން ތައްޔާރުވަމުންދަނިކޮށް އެގައުމުގައި ޖީ8ގެ ސިޔާސަތުތަކާ ދެކޮޅަށް މުޒާހަރާކޮށްފި އެވެ.
އަޔަލެންޑުގެން ކައުންޓީ ފާމަނޯގައި މިއަންނަ ހަފުތާގައި ޖީ8ގެ އިސްވެރިންގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ އިރު، އިއްޔެ ބޭއްވި މުޒާހަރާއަކީ އައިރިޝް ކޮންގުރެސް އޮފް ޓްރޭޑް ޔޫނިއަންސް އިން އިންތިޒާމުކޮށްގެން ބޭއްވި މުޒާހަރާއެކެވެ.
މިމުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާ އިރު، ގިނަ މީހުން އަޑު އުފުލާފައި ވަނީ ޖީ8 ގެ ސިިޔާސަތުތަކާއި ކެޕިޓަލިޒަމާ ދެކޮޅަށެވެ.
މިއަންނަ ހަފުތާގައި ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ކެނެޑާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާރް، އިޓަލީވިލާތް، ޖަޕާން، ރަޝިޔާ، އިނގިރޭސިވިލާތް އަދި އެމެރިކާ އެންމެ އިސް ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އިއްޔެ ކުރި މުޒާހަރާގައި ހަމަނުޖެހުންތަކެއް ހިނގައިފާނެ ކަމަށް ފުލުހުން ވަނީ ތައްޔާރީ ހާލަތަކަށް އައިސްފަ އެވެ.
ފުލުހުން ބިންމަތީގައި ޕެޓްރޯލްކުރަމުންދިޔަ އިރު، މަތީގައި ފުލުހުންގެ ހެލިކޮޕްޓަރުތައް މުޒާހަރާގައި ހަނގާފާނެ ހަމަނުޖެހުމެއް ކޮންޓްރޯލްކުރުމަށް ޓަކައި ހަރަކާތްތެރިވި ނަމަވެސް، މުޒާހަރާ ނިންމާލާފައި ވަނީ ސުލްހަވެރިކަމާ އެކު އެވެ.