01 Nov 2010, 18:02
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ޙަދީޘުކުރެއްވިއެވެ. "މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ޢާއްމު ކުރާށެވެ!"
އިސްލާމް ދީން ދަސްކޮށްދީފައިވާ ދިރިއުޅުމުގެ އަދަބުތަކުގެ ތެރެއިން ހިމެނޭ އެއް ކަމަކީ ދެ މީހަކު ބައްދަލުވެއްޖެ ނަމަ އެކަކު އަނެކަކަށް ސަލާމްކުރުމެވެ. އެކަކު އަނެކަކާ ބައްދަލުކޮށްފިނަމަ އެކަކު "އައްސަލާމް ޢަލައިކުމް" (ކަލޭގެ މައްޗަށް ސަލާމް ހުއްޓެވެ.) މިހެން ބުނުމާއި، ޖަވާބުގައި އަނެކަކުވެސް "ވަ ޢަލައިކުމުއް ސަލާމް" (ކަލޭގެ މައްޗަށްވެސް ސަލާމް ހުއްޓެވެ.) އެވެ ބުނުމެވެ.
ސަލާމްގެ މި ކަލިމައަކީ ދުޢާގެ ބާވަތެކެވެ. މުއުމިނުންނަކީ އެކަކު އަނެކަކަށް ހެޔޮއެދޭ ބަޔެކެވެ. މުއުމިނެއްގެ ހިތުގައި އަނެކާއާ މެދު އާލާވަމުންދާނީ ހެޔޮކަމުގެ ޖަޒުބާތެވެ. އޭނާ އެކަނި ހުންނަ އިރުވެސް ހުންނަނީ އެހެން މީހުންނަށް ހެޔޮ ދުޢާ ކޮށްކޮށެވެ. އެހެންކަމުން އޭނާ އެހެން މީހަކާ ބައްދަލުވާ އިރު އޭނާގެ ހިތުގެ އަޑީގެ މި އިޚްލާސްތެރި ޝުއޫރު ކުއްލިޔަކަށް އޭނާގެ ދުލުން ބޭރުވެގެންދަނީ "އައްސަލާމް ޢަލައިކުމް" (ކަލޭގެ މައްޗަށް ސަލާމް ހުއްޓެވެ. މާތްﷲ އެކަލާނގެ ރަޙްމަތުގައި ކަލޭގެ ލަހައްޓަވާށިއެވެ) މި ލަފުޒުގެ ސިފައިގައެވެ.
"އައްސަލާމް ޢަލައިކުމް" އަކީ މީހަކު އޭނާގެ މުޖުތަމަޢުގައި އުޅޭ ޢާއްމު އުޅުމުގައިވެސް އަނެކުންނާމެދު ގެންގުޅެން ޖެހޭ ޝުޢޫރުގެ ތަރުޖަމާއެކެވެ. މި ދުނިޔޭގައި ކޮންމެ މީހަކުވެސް އުޅޭން ޖެހޭނީ ތިމާ ފަދަ އަނެކުންނަށް ހެޔޮ އެދޭ ގޮތުގައެވެ. އެންމެންވެސް އަމަންއަމާންކަމާއި ސަލާމަތުގައި ތިއްބައި ދެކޭން އެދޭ މީހެއްގެ ގޮތުގައެވެ. އެހެންކަމުން މީހަކު "އައްސަލާމް ޢަލައިކުމް" އެވެ ބުނާ އިރު އޭނާ އޭނާގެ އިސްވެދެންނެވި ހައިޘިއްޔަތު ފާޅުކުރާ ކަހަލައެވެ. އަހަންނަކީ ކަލެޔަށްޓަކައި މިވަނި ކަހަލަ މީހެކޭ ބުނާ ކަހަލައެވެ. އަހަރެން އެދޭނީ ކަލޭގެ ސަލާމަތުން ހުރުމޭ ބުނާ ކަހަލައެވެ. ކަލޭގެ ސަލާމަތަށް ގެއްލުމެއް ދޭން އަހަރެން ނޭދެމޭ ބުނާ ކަހަލައެވެ.
"އައްސަލާމް ޢަލައިކުމް" އޭ ބުނާ އިރު އޭނާ އެ އިޢުލާންކުރަނީ އޭނާގެ ފުށުން އެހެން މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ފިޔަވައި އެހެން ކަމެއް ތަޖުރިބާ ނުކުރެވޭނޭ ކަމެވެ. އޭނާގެ ވުޖޫދަކީ އަނެކުންނަށްޓަކައި ހުރިހާ ޙާލަތެއްގައި ސަލާމަތާއި ރައްކާތެރިކަމުގެ ޒަރީޢާއެއް ކަމެވެ.
"އައްސަލާމް ޢަލައިކުމް" އެވެ ބުނުމަކީ ދުލުކުރީން ރަސްމީ ބަހެއް ބުނެލުމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ހަމަތަކުގެ މަތީން ދިރިއުޅުމަށް ކުރާ މުޤައްދަސް ޢަހުދެކެވެ. "އައްސަލާމް ޢަލައިކުމް" އެވެ ބުނާ މީހާ އެ އިޢުލާންކުރަނީ އިޖުތިމާޢީ ދިރިއުޅުމުގައި އޭނާގެ ސުލޫކު އެހެން މީހުންނާމެދު ހުންނާނެ ގޮތެވެ. ހުރިހާ ޙާލަތެއްގައިވެސް އޭނާ ހުންނާނީ "އައްސަލާމް ޢަލައިކުމް" އަށް ތަބާވެގެން ކަމެވެ. އެގޮތަކަށް ވާނީ ސަލާމަތާއި ހެޔޮއެދުން ކަމެވެ. ހިތްނުބައިކޮށް އަމާންކަން ނަގައިލުމެއް ނޫންކަމެވެ.