16 Jun 2013, 09:46
ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަން ކުރާނެ ބޭފުޅަކު ކަނޑައެޅުމުގެ އިންތިހާބު އަންނަނީ ބޯމަތިވަމުންނެވެ. ހުރިހާ ކެނޑިޑޭޓުން ވެސް މިހާރު ދަނީ ރައްޔިތުނަށް ކޮށްދޭނެ ކަންތައްތަކާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުން "ވެރިކަން ދިނުމަށް" އެދި އާދޭސް ކުރަމުންނެވެ. ނަމަވެސް ފަހުގެ ތާރީހެއްގައި ރާއްޖޭގައި ވެރިކަން ކޮށްފައިވާ ފަރާތްތަކުގެ އަމަލުތަކަށާއި ކޮރަޕްޝަންގެ ހުތުރު، ބޮޑެތި، ގިނަ، އަމަލުތަކަށް ބަލާއިރު އިންތިހާބުގެ ވޯޓު ދިނުމުގެ ކުރިން ރައްޔިތުން ފުންކޮށް ވިސްނަންޖެހެ އެވެ.
ސިޔާސީ މަސްރަހަށް ބަލާ އިރު އަދި ކެންޑިޑޭޓުންގެ ވާހަކަތަކަށް ބަލާއިރު އެންމެން ވެސް އެންމެ ބޮޑަށް ދައްކާ ވާހަކައަކީ ގައުމަށް އިހުލާސްތެރިކަމާ އެކު ހިދުމަތް ކުރާނެ ކަމަށް ވިދާޅުވެ ދައްކާ ވާހަކަތަކެވެ. އަދި ވެރިކަން ލިބިއްޖެ ނަމަ މިގައުމުގެ ވަސީލަތްތައް ބޭނުން ކޮށްގެން ދައުލަތައް ލިބޭ އާމްދަނީގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ރައްޔިތުންނަށްޓަކައި ބޮޑެތި ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމުގެ ވައުދުތަކެވެ. ނަމަވެސް ކަން އޮތީ އެގޮތަށްބާ އެވެ؟ މިހާތަނަށް ދިވެހިން ތަޖުރިބާ ކޮށްފައިވާ ވެރިކަންތަކަށް ބަލާއިރު އެ ވިދާޅުވާ ނަޒާހަތްތެރިކަން ފެންނަން އެބަ އޮތްބާވަ އެވެ؟ އިސްކުރީ ރައްޔިތުން ތަރައްގީ ކުރަންތޯ އެވެ؟ ނުވަތަ އަމިއްލަ އެދުންތޯ އެވެ؟
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު ވެރިކަމަށް ބަލާއިރު ކޮރަޕްޝަނަށް ތުހުމަކުރެވޭ ބޮޑެތި އަމަލުތަކެއް ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން ރައީސް މައުމޫންގެ އަނބިކަބަލުން ނަސްރީނާ އިބްރާހިމްގެ ބޭބެ އިލްޔާސް އިބްރާހީމްއާ މެދު ތުހުމަތުކުރާ އެފްޕީއައިޑީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ އިތުރުން ރައީސް މައުމޫނާއި އާއިލާގެ ބޭފުޅުން ތީމުގޭ ބަޖެޓުން ކުރައްވާފައިވާ ހަރަދުތަކާއި ކޮރަޕްޝަންގެ އެތައް އަމަލުތަކެއް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުގައި ތުހުމަތުކޮށްފައިވެ އެވެ. އަދި މައުމޫންގެ ވެރިކަމުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ބަރުމާއިން 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ކުރިކަމަށް ތުހުމަތުކޮށް ވާހަކަދައްކަމުން ގެންދެ އެވެ. އެކަމަކު މިހާތަނަށް އެ މައްސަލައިގެ ހަގީގަތެއް ހޯދިފައެއް ނުވެ އެވެ. ނަމަވެސް އެކަން ބަލަން ނަޝީދުގެ ސަރުކާރުން ގާނޫނާ ހިލާފަށް 21.9 މިލިއަން ރުފިޔާ ހަަރަދުކޮށްފައިވެ އެވެ. އެކަމަކު އެއިން އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތްކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވުމުން އެކަން ކުރެއްވި ގޮތާ ބެހޭ ގޮތުން ބޮޑެތި ސުވާލުތަކެއް އުފެދެ އެވެ.
މައުމޫންގެ ވެރިކަމަށް ފާޑުކިޔައި ވެރިކަމާއި ހަވާލުވި ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ކޮރަޕްޝަން ހައްދުން ނައްޓައި ބަލާލި ކޮންމެ ދިމާއެއް އޮތީ ފޫގޮސްފަ އެވެ. ހުރިހާ ވެސް އުފަލަކާއި މޮޅެއް ލިބުނީ އެކުގައި އުޅުނު އެކުވެރިންނަށެވެ. އެކަން އޮޑިޓް ރިޕޯޓްތަކުން އެ އޮތީ ވަރަށް ރަނގަޅަށް ފެންނާށެވެ. އެ ވެރިކަމުގެ ބިތުފަންގި ނެގެމުންދާ ވަރަކަށް ހަގީގަތް ދަނީ ހާމަވަމުންނެވެ.
ރައީސް ނަޝީދުގެ ސަރުކާރުގެ ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ބައެއް ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން ހައުސިން މިނިސްޓަރު މަގާމުގައި ހުންނެވި މުހައްމަދު އަސްލަމްގެ ފޯން ބިލަށް 312928ރ. ދައުލަތުން ކުރި ހަރަދާއި ޓޫރިޒަމް މިނިސްޓްރީގެ ނައިބު އޮފީހަށް ހާޒިރުނުވެ، މުސާރަ އާއި އެލަވަންސްގެ ގޮތުގައި 343،351.67ރ. ނެގި މަަައްސަލަ ފާހަގަކޮށްލެވެ އެވެ.
މީގެ އިތުރުން ސިއްހީ ދާއިރާއަށް ބޭނުންވާ އެކި ސާމާނު ގަތުމަށް ހެލްތު މިނިސްޓްރީން ހަވާލުކުރި، ޕާޓީގެ އިސް އެކްޓިވިސްޓުންތަކެއް ހަރަކާތްތެރިވާ އެފްޓެކް ކިޔާ ކުންފުންޏަކަށް، ނުގެންނަ ބޭސްތަކަކަށް ދިން، 11 މިލިއަން ރުފިޔާގެ ހިޔާނާތާއި ތިލަފުށި ހިއްކުމަށް، އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހެވީލޯޑަށް ދިން 21 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކީ ވެސް ފާހަގަކޮށްލެވޭ ބޮޑެތި މައްސަލަތަކެކެވެ. އަދި ވިމްލާ ކޮންސްޓްރަކްޝަނާއި އައިމާ ކޮންސްޓްރަކްޝަނަށް ގާނޫނާ ހިލާފަށް ދިން 204 މިލިއަން ރުފިޔާއަކީ ވެސް ފާހަގަކޮށްލެވޭ މައްސަލައެކެވެ. އޭގެ އިތުރުން ހުނަރު ވެރިން ތަމްރީނުކުރަން ހިންގި ޕްރޮގްރާމާއި ދައުލަތުގެ ބަޖެޓްގައި ނުހިމަނާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އެކި ގޮތްގޮތަށް ވަނީ ހަރަދުކޮށްފަ އެވެ. ނަޝީދުގެ ތިން އަހަރުގެ ކުރު ވެރިކަމުގައި ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލަތައް އޮޑިޓް ރިޕޯޓްތަކުން ފެންމަތިވެފައިވެ އެވެ. އަތޮޅަކަށް ބައެއް ސާމާނު ގެންދިއުމަށް ވިމްލާ ކޮންސްޓްރަކްޝަން ކޮމްޕެނީ އަށް 198 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވުމުން ނަޝީދުގެ ސަރުކާރުން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތު އޮތީ އިހްސާސްކޮށްލުމެވެ.
ނަޝީދުގެ ތިން އަހަރުގެ ސަރުކާރުގައި 4.5 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.
ރައީސް ނަޝީދުގެ ވެރިކަމަށް ފަހު ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ކުޑަ ދުވަސްކޮޅުގައި ވެސް ގާނޫނާ ހިލާފު ބައެއް ކަންތައްތައް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުން އެނގެ އެވެ.
އެގޮތުން މިހާތަނަށް ނުކުމެފައިވާ އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން އެޓާނީ ޖެނެރަލްގެ އޮފީހުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ގާނޫނާއި ހިލާފަށް ކޮށްފައިވާކަމަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ސީމެގް އިން ރާއްޖޭގެ މައްސަލައެއް ބެލުމުން އެކަމާ ގުޅިގެން އެ އޮފީހުން ރާއްޖެ އިން ބޭރުގެ ގާނޫނީ މާހިރަކަށް 1.2 މިލިއަން ރުފިޔާ އިތުރަށް ދީފައިވާކަން ވަނީ ހާމަވެފަ އެވެ. މީގެ އިތުރުން އެ އޮފީހުން މާލިއްޔަތު ގަވައިދާއި ހިލާފަށް ފްލައިޓް ޓިކެޓް ގަތުމަށް 45،994ރ. ހޭދަކޮށްފައިވުމާއި އޭޖީ އޮފީހަށް ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް 16.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވުން ފަދަ ކަންތައްތައް ފާހަގަކޮށްފައިވެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަކީ ބައެއް ފަހަރު އަމިއްލަ މަސްލަހަތު އިސް ކުރެއްވުމުގެ ރެކޯޑެއް އޮތް ބޭފުޅެއް ކަމަށް ސިފަކުރައްވާ ބޭފުޅެކެވެ. އޭގެ އެއް މިސާލަކީ ޖުމްހޫރީ ޕާޓީން ކަނޑައަޅުއްވާފައި ހުންނެވި މިނިސްޓަރަކު މާމިގިލީ އެއާޕޯޓް 99 އަހަރަށް ވިލާއަށް ދިނުމަށް ނިންމި ނިންމުމާއި މައުމޫންގެ ވެރިކަމުގައި ވެސް އެބޭފުޅާގެ ކުންފުންޏަށް ހޯދާފައިވާ އެހެނިހެން ކުރިއެރުންތަކެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން ނުހުއްޓުވި ވަރަށް ބާރަށް ދަނީ އިތުރުވަމުންނެވެ. އަދި އެ މައްސަލަތައް ހައްލުކުރަން ބޭނުންނަމަ ފިޔަވަޅު އެޅުން އަވަސް ކުރަންޖެހޭ ކަމަށް ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭސީސީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރަމުންދާ ކަމަށާއި ހިތާމައަކީ އެބޭފުޅުން ތަހުގީގުކުރާ މައްސަލަތަކަށް ފިޔަވަޅު އެޅޭ މިންވަރު ލަސްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިގްތިސާދީ ގޮތުން ގައުމު ފުންވަޅުގަނޑަކަށް ވެއްޓިފައިވާ އިރު، ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ނަމަ މި ގައުމުގެ ކުރިމަގު ވަރަށް ބަނަ އެވެ. ރައްޔިތުންނަށްޓަކައި ހިދުމަތްކުރަން ކަމަށް ބުނެ ވެރިކަމާ ހަވާލުވެ އެފަދަ ކޮރަޕްޝަންގެ އަމަލުތައް ހިންގާނަމަ ގައުމަށް ލިބޭނެ ކުރިއެރުމެއް ނެތެވެ.
ރައްޔިތުންގެ ފައިސާ އިން ބޮޑެތި ހިޔާނާތްތައް ނުވާނަމަ އެއީ ރައްޔިތުންނަށްޓަކައި ކިތައް ޕްރޮޖެކްޓް ހިންގޭނެ ފައިސާތޯ އެވެ؟ އެއީ ކިތައް ރަށުގެ ބަނދަތު ނިންމޭނެ ފައިސާތޯ އެވެ؟ އެއީ ކިތައް ރަށުގެ ނަރުދަމާ ގާއިމްކުރެވޭނެ ފައިސާތޯ އެވެ؟ ރައްޔިތުންނަށް ހިދުމަތް ކޮށްދޭންކަމަށް ބުނާ ވެރިންނަށް އެކަން އިހުސާސް ނުވަނީ ކީއްވެތޯ އެވެ؟ ރައްޔިތުން މިއަދު ބެނުމީ ދުލުން ބުނެލާ ވައުދެއް ނޫނެވެ. ރައްޔިތުން ބޭނުމީ ކޮށްދޭނެ ކަންތައްތަކެވެ.
ކުރިއަށް އޮތީ ވެރިކަން ހަވާލުކުރާ އިންތިހާބެވެ. އޭގެ ކުރިން ގައުމުގެ މުސްތަގުބަލް ހަވާލުކުރާނެ ބޭފުޅަކު ކަނޑައެޅުމުގެކުރިން ރައްޔިތުން ފުންކޮށް ވިސްނަންވެއްޖެ އެވެ. ސިޔާސީ ވަކި ފިކުރަކަށް ތަބާވެ އެ ފިކުރުގެ ޖަޒުބާތުގައި ނުޖެހި ދެވޭ ވޯޓަކަށް ހަދަންޖެހެ އެވެ. އިންތިހާބަށް ކުރިމަތި ލާފައިވާ ފަރާތްތަކަށް ވޯޓް ދިނުމުގެ ކުރިން އެއީ ކޮންގޮތަކަށް އަމަލުކޮށްފައިވާ ކެންޑިޑޭޓެއްތޯ ރަނގަޅަށް ބަލައި ގޮތެއް ނިންމަންޖެހެ އެވެ.