ފާނަ ބަސަނދަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. މިއީ ހުން އައުމާ އެކު ގައިން ފޮޅުނަގާ، އަދި ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ.

ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އުޅޭކަމަށް ފާހަގަކުރެވިފައިވާ މިބަލި ހޫނު ގައުމުތަކުގައި ފެތުރޭ މިންވަރު އިތުރުކަން ފާހަގަކުރެވިފައިވެއެވެ. ފާނަ ބަސަނދު ޖެހިފައިވާ މީހެއްގެ ގައިގައި އުފެދިފައިވާ ފޮޅުތަކުން ބޭރުވި ދިޔައިގައި ބީހުމުން، ނުވަތަ އަތްލެވުމުން، ސަލާމަތުން ހުރި މީހާގެ އަތް ބަލި ޖައްސާ ޖަރާސީމާއި ތަޣައްޔަރު ވުމަށް ފަހު، އެއަތް ނުދޮވެ، އަނގަ، ލޯ، ނޭފަތުގައި ޖައްސައި ނުވަތަ އަތްލައި ހަދައިފިނަމަ އެމީހަކަށް ފާނަ ބަސަނދު ޖެހިދާނެ އެވެ. އަދި ބަލިޖެހިފައިވާ މީހާ ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި ބޭރުވެގެންދާ ވައިރަސްތައް ވައިގެ ޒަރީޢާއިން ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް ވާޞިލް ވެއްޖެނަމަ ވެސް އެމީހަކަށް ފާނަ ބަސަނދު ޖެހިދާނެ އެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު ފާނަ ބަސަނދު ޖެހިއްޖެނަމަ ބަނޑުގައިވާ ދަރިފުޅަށް ވެސް ފާނަ ބަސަނދު ޖެހުމުގެ ފުރުޞަތު އޮވެއެވެ. ފާނަ ބަސަނދު ގެ ވައިރަސް ހަށިގަނޑަށް ވާޞިލްވުމަށް ފަހު އެއްވެސް އަލާމާތެއް ނުފެންނަ ހާލަތުގައި ވެސް އެމީހެއްގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރުވައިފާނެ އެވެ.

މިބަލި އެންމެ ބޮޑަށް ގައިން ގަޔަށް އަރަނީ، ބައްޔާއި ގުޅިގެން ނަގާ ފޮޅުތައް ނަގަން ފެށުމުގެ 3-2 ދުވަސް ކުރިން ފެށިގެން ގޮސް، ފޮޅުތައް ފެޅި އެފޮޅުތައް އެއްކޮށް ރަނގަޅު ވުމާއި ދެމެދު އޮންނަ މުއްދަތުގެ ތެރޭގައެވެ.

ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ފާނަ ބަސަނދު ޖެހިފައިވާ މީހާގެ ފުށުން ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ނަގާ ބިއްސާއި ފޮޅުތައް ފެނުމުގެ 5 ދުވަސްކުރިން ފެށިގެން ގޮސް، ފޮޅުތައް ނެގުމަށް ފަހު އަންނަ 5 ދުވަހުގެ ނިޔަލަށް ހޭދަވާ މުއްދަތުގެ ތެރޭގައެވެ. ނަމަވެސް ހަނދާން ބަހައްޓަންވީ ބައެއް ފަހަރު މިމުއްދަތު އިތުރަށް ދެމިގެން ހިނގައިދާނެ ކަމެވެ. ފެޅިފައިވާ ފޮޅުތައް ކުރަމަގާލި ލައި، ނެއްޓުމަށް ފަހު، އެމީހެއްގެ ފުށުން އެހެން މީހުންނަށް ބައްޔެއް ނުފެތުރޭނެ އެވެ. ފާނަ ބަސަނދު ޖައްސާ ވައިރަސް އަށް ހުށެހެޅޭތާ ގާތްގަނޑަކަށް 14 ވަރަކަށް ދުވަސް ފަހުން ހުންއައުން، ކަރުތެރެ ފާރުވެ، ހަލާކުވުން، ކެއްސުން، ނޭފަތުން ފެންއައުން، ބޮލުގައި ރިހުން، ގައިގައިރިހުން، މޭނުބައިކުރުން، ހޮޑުލެވުން، ބޯއެނބުރުން، ވަރުބަލިވުން، އަދި ކާހިތްނުވުން މެދުވެރިކުރުވައެވެ.

ބަލި ފަސޭހަވެ ރަނގަޅުވަންދެން ވެސް ބައެއް ފަހަރު މިއުނދަގޫތައް ދެމިހުރެދާނެ އެވެ. މި އަލާމާތްތައް ފެންނަތާ 48-24 ގަޑިއިރުގެ ތެރޭގައި ހަށިގަނޑުގެ މެދުބައިން (ބުރަކަށި އަދި ބަނޑާއި މޭމަތި ހިމެނޭ ހިސާބު) ފާނަ ބަސަނދު އާއި ގުޅިގެން ނަގާ ޚާއްޞަ ބިހިތަކާއި، ފޮޅުތައް ނަގަން ފަށާނެ އެވެ. އެއަށްފަހު ޖެހިގެން އަންނަ 10-7 ދުވަހާއި ދެމެދުގެ މުއްދަތު ތެރޭގައި ފޮޅުތައް ބޮލާއި އަތްފަޔަށް ފެތުރިގެންދެއެވެ. މިބިހިތަކާއި ފޮޅުތަކުގައި ވަރަށް ބޮޑަށް ކަހައި ހިރުވުމަކީ ވެދާނެ ގޮތެކެވެ. ފުރަތަމަ ނަގާ ބިހިތަކުގައި ފެންހެދި ފެންފޮޅަކަށް ބަދަލުވެ، އެއަށްފަހު ފެންފޮޅުތަކަށް ދޮސްއެރި ދޮސްފޮޅު ތަކަކަށް ބަދަލުވެއެވެ. އެއަށްފަހު ދޮސްފޮޅު ފެޅި، އެތަން ހިކި، ތޮށިލައި ކުރަމަގާލި ލައި ނެއްޓިގެން ދެއެވެ. ބައްޔާއި ގުޅިގެން ނަގާ ބިހިތަކާ ކުޅެ، ފޮޅުތައް ތުއްވައި ހެދުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ފާނަ ބަސަނދު ޖެހުމާ ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި ހަމުގައި ޖަރާސީމު އެޅުން، ފުއްޕާމޭގައި ޖަރާސީމު އެޅުން، ނާރުތަކަށް ގެއްލުންވުން، ކަންފަތުގައި ޖަރާސީމު އެޅުން، އޮށާއި އުރަވަޅި ދުޅަވުން، މޭގަނޑާއި ގުރުދާއަށް ގެއްލުންވުން، ހިތުގެ މަސްގަނޑު ދުޅަވުން، ޗިސްމޭ ދުޅަވުން، އަދި ލޮލުގެ އެކިބައިތައް ދުޅަވެ ލޮލަށް ގެއްލުންވުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު މައިމީހާއަށް ފާނަބަސަނދު ޖެހިއްޖެނަމަ ބަނޑުގައިވާ ތުއްތު ދަރިފުޅަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރުމަކީ ވެދާނެ ގޮތެކެވެ. ފާނަ ބަސަނދުން ރައްކާތެރިވުމަށް ކުރެވޭ އެންމެ މުހިއްމު އެއްކަމަކީ ވެކްސިން ޖެހުމެވެ.

ދިވެހިރާއްޖޭގެ ވެކްސިން ޝެޑިއުލްގައި އަދި ހިމެނިފައި ނުވި ނަމަވެސް މިއީ ތުއްތު ދަރިފުޅަށް ޞިއްޙީ އެހީތެރިއެއްގެ އިރުޝާދާއެކު ދެވިދާނެ ވެކްސިނެކެވެ. ވެކްސިން ދޭންޖެހޭނީ ކަނޑައެޅިފައިވާ އުޞޫލްތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ފާނަ ބަސަނދުން ރައްކާތެރިވުމަށް އެޅިދާނެ އެހެން ފިޔަވަޅުތަކުގެ ތެރޭގައި ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން، ގިނަގިނައިން އަތްދޮވުން، ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން، ބަލިޖެހިފައިވާ ކުދިން އެހެން މީހުންނާއި ވަކިން ގެންގުޅުން، އަދި ބަލިމީހާ ގެންގުޅޭ ތަކެތީގައި ވީވަރަކުން އަތްނުލުމާއި އެތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން، ފަދަ ކަންތައްތައް ހިމެނެއެވެ. ފާނަ ބަސަނދު ޖެހި ރަނގަޅުވުމަށް ފަހު ދެވަނަ ފަހަރަށް ފާނަ ބަސަނދު ޖެހުމަކީ ވަރަށް ދުރު އަދި ނާދިރު ކަމެކެވެ.