16 Jun 2013, 07:21
މާތްﷲ ކަލާގެ އަތްޕުޅުން ގެންދަވާ ކޮންމެ އެއްޗަކަށް އެއަށްވުރެ މާހެޔޮކަންބޮޑު ބަދަލެއް ދެއްވާނެއެވެ. ކަލާ ކެތްތެރިވެ ވަޑައިގެންފި ނަމައެވެ. ޘަވާބަށް އުންމީދު ކުރައްވައިފި ނަމައެވެ. އެމީހެއްގެ ލޮލުގެ އަލިކަން ގެންދެވުމުން ކެތްތެރިވެއްޖެ މީހަކަށް ސުވަރުގެ ދެއްވާނެއެވެ. ދުނިޔޭގެ އަހްލުވެރީންގެ ތެރެއިން މީހެއްގެ މިތުރަކު ގެންދެވުމުން ކެތްތެރިވެ ޘަވާބަށް އުއްމީދުކޮށްފި މީހަކަށް ސުވަރުގެ ދެއްވާނެ އެވެ.
ތިމާގެ ދަރިޔަކު މަޙްރޫމު ކުރައްވައި ގެންދެވުމުން ކެތްތެރިވެއްޖެ މީހަކަށްޓަކައި ސުވަރުގެގޭގައި ތައްޔާރު ކުރައްވައިފައި ވަނީ ބައިތުލް ޙަމްދެވެ. މިކަންކަމުގެ މައްޗަށް އިތުރަށް ޤިޔާސު ކުރައްވާށެވެ. ކެތްތެރިވެ ވަޑައިގަންނަވާށެވެ. ހުރިހާ ޙާލަތެއްގައި މިންވަރަށް ރުހިވަޑައިގެން ޙަމްދުކުރައްވާށެވެ. ޝުކުރުވެރިވެ ވަޑައިގަންނަވާށެވެ.
ދިމާވާ އެއްވެސް މުޞީބާތަކާ ވިދިގެން ކެތްތެރިކަމުގެ ދާވަނި އަތްޕުޅުން ދޫކޮށް ނުލައްވާށެވެ. މޮޅި ސާލު ނުލައްވާށެވެ. ހިތާމަ ނުކުރަށްވާށެވެ. އެހެނީ މުޞީބަތް ކުރިމަތި ކުރެއްވި ފަރާތުގައި ކަލާއަށް ދެއްވާނެ ހެޔޮ ބަދަލުވެއެވެ. ޘަވާބުވެއެވެ. ސުވަރުގެވެއެވެ. "އެއުރެން ކެތްތެރިވީ ކަމަށްޓަކައި ސުވަރުގޭގެ މަތިވެރި ދަރަޖަ އެއުރެންނަށް ޖަޒާއެއްގެ ގޮތުގައި ދެއްވާހުއްޓެވެ. އަދި އެތާނގައި ތަޙިއްޔަތާއި ސަލާމް (އެބަހީ: މާތްކޮށް ހިއްތެވުމާއި، އަމާންކަން) އެއުރެންނަށް ލިބޭހުއްޓެވެ." އެހެންކަމުން އަޅުގަނޑުމެންނަށް އައުލާކަން ބޮޑީ މުޞީބާތެއް ކުރިމަތިވުމުން ކެތްތެރިކަމުގެ ހެޔޮދަރުމަ އާއި މަތިވެރި އުޖޫރައިގެ މަތީން ހަނދާންކުރުމެވެ.
"އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟުރަތަށް އެނބުރިދާނެ ބަޔެކޭ ބުނާ މީހުންނެވެ. އެއުރެންނީ އެއުރެންގެ ވެރި ރަސްކަލާނގެ ޙަޟުރަތުން މަޣުފިރަތާއި، ރަޙްމަތް އެއުރެންގެ މައްޗަށް ހުރިމީހުންނެވެ. އަދި ތެދުމަގުލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ." (އަލްބަޤަރާ: 156، 157)
މުޞީބާތްތައް ކުރިމަތިވެފައިވާ އަޚުންނޭވެ! ތިޔަބޭފުޅުންނަށް އުފާވެރިކަމުގެ ޚަބަރު އަރުވަމެވެ. ދުނިޔޭގެ އުމުރު ވަރަށް ކުރެވެ. ދުނިޔޭގެ ޚަޒާނާ ވަރަށް ފަޤީރެވެ. އާޚިރަތަކީ ތާއަބަދުގެ ގޮވައްޗެކެވެ. އެތާނގައި ހުރީ ފުރިގެން ބަންޑުން ގޮސްގޮސް ހުރި ޚަޒާނާތަކެވެ. މިދުނިޔޭގައި މުޞީބާތްތަކާ ކުރިމަތިވެފައިވާ މީހުންނަށް އެދުނިޔޭގައި މާ ހެޔޮ ބަދަލު ދެއްވާނެއެވެ. މިދުނިޔޭގައި މޮޅި އާއި ހިތާމަ ކުރިމަތިވެފައިވާ މީހުންނަށް އެދުނިޔޭގައި އުފަލާއި ހިތްހަމަޖެހުން ދެއްވާނެ އެވެ. މިތާނގެ ބިރުވެރިކަމުގެ ބަދަލުގައި އެތާނގައި އަމާންކަން ދެއްވާނެއެވެ. މިތާނގައި ވަރުބަލިކަން އުފުލާ މީހުންނަށް އެތާނގައި އަރާމު ދެއްވާނެއެވެ.
ޝައްކެއްނެތެވެ. މިދުނިޔޭގައި ބަގުޑިބައްދައިގެން އުޅޭ މީހުންނަށާއި، މިދުނިޔޭގެ ޢާޝިޤުންނަށް ދުނިޔޭގެ އަރާމާ އުފާތައް އަތުން ބީވުމަކީ ނުހަނު ބުރަކަމެކެވެ. އެބައިމީހުންނަކީ ހަމައެކަނި ދުނިޔެ އެދޭ ބަޔަކަށް ވާތީ މިދުނިޔޭގެ ކުޑަކުޑަ ތުރާލެއް ވެސް ވާނީ ފަރުބަދައެއް ފަދަ ބަރަކަށެވެ. ކޮންމެ މުޞީބާތެއް ވާނީ ނުއުފުލޭފަދަ ކަމަށެވެ. އެބައިމީހުން ބަލާނީ ހަމައެކަނި އެބައިމީހުންގެ ފައިތިލަ ދޮށެވެ. އެތަނުން ފެންނާނީ ހަމައެކަނި މިފަނާވަނި ދުނިޔެއެވެ.
މުޞީބާތްތައް ކުރިމަތިވެފައިވާ އަޚުންނޭވެ! ތިޔަބޭފުޅުންނަށް ގެއްލިފައި ވަނީ ކިތަންމެ އަގުބޮޑު އެއްޗެއް ކަމުގައި ވިޔަސް ޙަޤީޤަތުގައި ތިޔަބޭފުޅުންނަށް ވާނީ މަންފާއެވެ. ގިނަގުނަވެގެންވާ ފައިދާއެވެ. އެހެނީ ތިޔަބޭފުޅުންގެ އަރިހަށް މާތްﷲ ފޮނުއްވައިފައިވާ ހެޔޮ ޚަބަރުގެ ކޮންމެ ލަފުޒެއްގައި ވެސް ވަނީ ދީލަތިވަންތަ ކަމުގެ ވާހަކައެވެ. އޯގާވަންތަ ކަމުގެ ވާހަކައެވެ. ލޯބިވެވޮޑިގެންވާ ކަމުގެ ވާހަކައެވެ. ހެޔޮބަދަލުގެ ވާހަކައެވެ. އެހެންކަމުން ތިޔަބޭފުޅުން ވިސްނާ ވަޑައިގަންނަވަންވީ ނަތީޖާއާ މެދުގައެވެ.
ލޮބުވެތި އަޚުންނޭވެ! ދުނިޔެއަށް ދަހިވެތިވާ މީހުންނާއި އާޚިރަތަށް ދަހިވެތިވާ މީހުންގެ މެދުގައި ފާރެއް ލެއްވޭނެ އެވެ. އެފާރުގައި ދޮރެއް ވާނެ އެވެ. އެފާރުގެ އެތެރެފުށުގައި ވާނީ ރަޙްމަތެވެ. އެފާރުގެ ބޭރުފުށުން އަނެއް ފަރާތުގައި ވާނީ ޢަޒާބެވެ. ޝައްކެއްނެތެވެ. މާތްﷲ ގެ ޙަޟުރަތުގައިވާ ކަންތައް މާހެޔޮކަންބޮޑެވެ. މާއުފާވެރި ވެފައި މާހިތްގައިމުކަން ބޮޑެވެ.