ފީފާ ކޮންފެޑެރޭޝަންސް ކަޕް ހުޅުވި މެޗު ފަސޭހަ ކަމާއެކު 3-0 ލަނޑުން ޖަޕާން ބަލިކޮށް ބްރެޒިލް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 5 ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލް، އެ ޓީމަށް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ތަޖުރިބާކާރު ކޯޗު ލުއިސް ފެލިޕޭ ސްކޮލާރީގެ އިރުޝާދުގެ ދަށުން މިރޭ ކުޅުނު މެޗުގައި އޭޝިޔާގެ ޗެމްޕިއަން، ޖަޕާނުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ވަނީ އުފައްދާފަ އެވެ.

މެޗުގެ ތިންވަނަ މިނިޓުގައި ފްރެޑް ތަނަވަސް ކޮށްދިން ފުރުސަތަކުން، ބްރެޒިލްއަށް މެޗުގެ ކުރި ހޯދައި ދިނީ ބާސެލޯނާގެ ސްޓްރައިކާ ނޭމާ އެވެ. އަދި 48 ވަނަ މިނިޓުގައި ބާސާގެ ޑެނީ އަލްވޭސް، ޖަޕާންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނައިގައިދިން ހުރަހެއް ގޯލްތެރެއަށް ފޮނުވާލައިގެން ބްރެޒިލްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ކޮރިންތިއާންސްގެ މިޑްފީލްޑަރު ޕައުލީނިއޯ އެވެ.

ފަހުހާފުގެ އިތުރު ވަގުތުގައި ބްރެޒިލްގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ، ޗެލްސީގެ މިޑްފީލްޑަރު އޮސްކާ ތަނަވަސް ކޮށްދިން ފުރުސަތަކުން ފަހު ހާފު ނިމެން އުޅެނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އެތުލެޓިކޯ މިނޭރިއޯގެ ފޯވަޑް ޖޯ އެވެ. އެއީ މެޗުގައި ޖޯގެ ފައިގައި ޖެހުނު ފުރަތަމަ ބޯޅަވެސް މެއެވެ.

ދެޓީމުގެ ފަރާތުންވެސް ހަލުއި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ ޝިންޖީ ކަގާވާއާއި ސީއެސްކާ މޮސްކޯގެ ކެއިސުކޭ ހޮންޑާ ގުޅިގެން ބްރެޒިލްގެ ގޯލަށްވެސް ނުރަށްކާ ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ޖަޕާނުގެ އެންމެ ބޮޑު މައްސަކައަކަށް ދިމާވީ ލިބުނު މަދު ފުރުސަތުތައް ރަނގަޅަށް ނިންމާ ނުލެވުމެވެ.

މި މެޗަކީ އިންޓަނޭޝަނަލް ފުޓްބޯޅަ މެޗެއްގައި ރަސްމީކޮށް ފުރަތަމަ ފަހަރަށް ގޯލް-ލައިން ޓެކްނޯލޮޖީ ބޭނުން ކުރެވުނު މެޗެވެ. އެހެން ނަމަވެސް މެޗު ނިމުނު އިރުވެސް އެ ޓެކްނޯލޮޖީގެ ބޭނުން ހިފާކަށް ނުޖެހުނެވެ.

ކޮންފެޑެރޭޝަންސް ކަޕްގައި އާދީއްތަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މެންދަމު 12:00ގައި ވާދަކުރާނީ، މެކްސިކޯ އާއި އިޓަލީ އެވެ. އަދި ދެވަނަ މެޗުގައި ދަންވަރު 3:00ގައި ވާދަކުރާނީ ސްޕެއިންއާއި އުރުގުއޭ އެވެ.