16 Jun 2013, 02:13
އިންޑިއާ ކަނޑުގެ ސަރަހައްދުން 22 މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް، އަޑިއަށް ދިޔަ ރާއްޖޭގެ ކާގޯ ބޯޓުގައި ތިބި ދިވެހި 18 ފަޅުވެރިން މިރޭ މާލޭ ގެނެސްފި އެވެ. އެ ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފައިވަނީ ބޯޓުގެ މެނޭޖްމަންޓް ކަމުގައިވާ އެޕޯލޯ ކުންފުނީގެ ފަރާތުންނެވެ.
ޕާކިސްތާނުގެ ކަރާޗީ ބަނދަރަކުން މިދިޔަ މަހުގެ 31 ގައި ހިލަ އާއި ހިލަވެލި ބަރުކޮށްގެން މާލެ އައުމަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ދިޔަ "އެމްވީ އޭޝިއަން އެކްސްޕްރެސް" ގައި ތިބި 18 ފަޅުވެރިން މާލެ އައިސްފައިވަނީ މިރޭ 12:30 ކަންހާއިރު އިންޑިއާގެ ޓްރެވިންޑްރަމް އިން އައިލެންޑް އޭވިއޭޝަންގެ ފްލައިޓެއްގަ އެވެ. އަޑިއަށް ދިޔަ ބޯޓުގައި ތިބި އިންޑިއާގެ ހަތަރު ފަޅުވެރިން ވަނީ އިންޑިއާގައި މަޑުކޮށްފަ އެވެ.
އަޑިއަށް ދިޔަ ބޯޓުގައި ތިބި ދިވެހި ފަޅުވެރިން މިރޭ މާލެ އައިއިރު އެމީހުންނަށް މަރުހަބާ ކިޔުމަށް އެފަރާތްތަކުގެ އާއިލާތަކުން އެއާޕޯޓަށް ގޮސް ތިއްބެވެ.
އެ ބޯޓުގެ ކެޕްޓަން އަހުމަދު ޝާކިރު އެއާޕޯޓުގައި ހުރެ މިރޭ ސަންއަށް ދިން އިންޓަވިއެއްގައި ބުނީ ބޯޓުގެ ހުރިހާ ފަޅުވެރިންނާ އެކު ސަލާމަތުން ރާއްޖެ އާދެވުނީތީ އެކަމާ ވަރަށް އުފާކުރާ ކަމަށެވެ. އަދި ބޯޓުގައި ހިނގާދިޔަ އެ ހާދިސާގައި އެންމެ ވަގުތުކޮޅަކަށް ވެސް އުއްމީދު ގެއްލުވާނުލާ ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ބެލީ ހުރިހާ ފަޅުވެރިން ސަލާމަތްކުރެވޭތޯ ކަމުގައި ވެސް އޭނާ ބުންޏެވެ.
" އެންމެ ވަގުތުކޮޅަކަށް ވެސް އުއްމީދު ގެއްލުވައެއް ނުލަން ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަކަށް، އިންޑިއާގެ ކޯސްޓްގާޑުން ގެންދިޔައީ ބޯޓު ހާލު ބަލަމުން،" ޝާކިރު ބުންޏެވެ.
ހަ ހާސް ފަސްސަތޭކަ ޓަނުގެ ބޯޓު އަޑިއަށް ދިޔަ އިރު އެބޯޓުގައި 4000 ޓަނުގެ ސިމެންތި އާއި 2400 ޓަނުގެ ހިލަވެލި ބަރުކޮށްފައި ހުއްޓެވެ. އެ ބޯޓު އަޑިއަށް ދިޔައީ އިންޖީނު ހުއްޓިގެން، އޮޔާދާތާ ދެ ދުވަސް ފަހުން ބޯޓުގެ ބަނޑުފިލާއިން ތަންގަނޑެއް ފަޅައިގެން ގޮސް ބޯޓުގެ ދެ ފަލްކާއަށް ލޮނުއެރިގެންނެވެ.
އެ ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ 18 ދިވެހިނާއި ހަތަރު އިންޑިއާ މީހުންނެވެ. އެ ހާދިސާ ހިނގީ ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 115 މޭލު ބޭރުގައި ބޯޓު އޮއްވަ އެވެ. މިިދިޔަ ބުދަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި އަޑިއަށް ދިޔަ 120 މީޓަރުގެ މި ބޯޓަކީ 36 އަހަރުވެފައިވާ ބޯޓެެކެވެ.