ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ދިރާގު ދިވެހި ލީގު މެޗުގައި ކްލަބް އީގަލްސްއިން ލަނޑެއް ކާމިޔާބުކޮށް ކުރި ހޯދާފައި ވަނިކޮށް ޙަސަން އަދުހަމް (ސަޑޭ) ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވެ، އީގަލްސް އަތްދަށު ނުވެ ބީޖީ ސްޕޯޓްސް ސަލާމަތް ވެއްޖެ އެވެ.

މި ދެޓީމު ލީގުގެ ފުރަތަމަ ބުރުގައި ބައްދަލު ކުރި މެޗު 4-2 ލަނޑުން ކާމިޔާބު ކޮށްފައިވަނީ އީގަލްސް އެވެ. އަދި މިރޭގެ މެޗުގެ ނަތީޖާއާ އެކު ބީޖީ ވަނީ 13 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ކުރި ހޯދައިގެން ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފަ އެވެ. 13 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގައި އީގަލްސް އޮތް އިރު ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން އެ ދެ ކުލަބަށްވުރެ އެއް މެޗު މަދުން ކުޅެ، ތާވަލުގެ ހަ ވަނައިގައި އޮތީ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ކުލަބަކަށް ނަތީޖާއާ ކުޅެލެވޭ ގޮތެއް ނުވިއެވެ. އަދި މެޗުގެ 61 ވަނަ މިނިޓުގައި އީގަލްސްއަށް ބީޖީގެ ގޯލް ހުޅުވާލަ ދިނީ ޒުވާން ފޯވަޑް އަޙްމަދު އިމާޒް (އާއްކޮ) އެވެ. އެހެން ނަމަވެސް އޭގެ 12 މިނިޓުފަހުން ލަނޑެ ކާމިޔާބު ކޮށް، ބީޖީއަށް އަލަށް ގުޅުނު މާޒިޔާގެ ކުރީގެ ޒުވާން މިޑްފީލްޑަރު ސަޑޭ ވަނީ އޭނާ ބީޖީއަށް ކުޅުނު ފުރަތަމަ މެޗުގައި އީގަލްސްގެ އަތްދަށުން ބަލިވިޔަ ނުދީ ބީޖީ ސަލާމަތް ކޮށްދީފަ އެވެ.

ދިރާގު ދިވެހި ލީގުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ، 16 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައި އޮތް ކުލަބް ވެލެންސިޔާ އާއި 13 ޕޮއިންޓާއެކު ހަ ވަނައިގައި އޮތް އޭވައިއެލް އެވެ.