15 Jun 2013, 23:48
ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ބައިވެރިވެ ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ވަނަ ހާސިލް ކުރުމަކީ އެކި ރޮނގުތަކުން އެ ކުދިންނަށް ކުރިއަށް ދިޔުމުގެ ފުރުސަތު އޮތްކަން ހާމަވެގެންދާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. ވަހީދު މިހެން ވިދާޅުވީ މިއަހަރު ބޭއްވި ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މުބާރާތުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދީންނަށް ބައިވެރިވުމުގެ ދޮރު ހުޅުވިފައި އޮތުމަކީ އެމަނިކުފާނު ވަރަށް އުފާ ކުރައްވާ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން އެންމެ މޮޅު ފަސް ކުދީންގެ ގޮތުގައި ހޮވުނު ކުދިންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދީންނަކީ މުޖުތަމުގައި ޚާއްސަ ފުރުސަތުތަކެއް ދޭންޖެހޭ ކުދިންތަކެއް ކަމަށާއި ސަރުކާރުން އެފަދަ ކުދީންނަށް ޚާއްސަ ސަމާލުކަމެއް ދެމުން ގެންދާ ކަމަށެވެ.
"މިއަހަރުގެ މުބާރާތުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދީންނަށް ބައިވެރިވެވޭނެ ގޮތް ހަމަޖެހިފައި އޮތުމަކީ އަޅުގަނޑު ވަރަށް އުފާ ކުރާ ކަމެއް. އެހެންކަމުން ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ފަސް ކުދީންގެ ގޮތުގައި ހޮވުނު ކުދީންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ އަދާކުރަން. ޚާއްސަ އެހީއަށް ބޭނުންވާ ކުދީންނަކީ މުޖުތަމައުގައި ޚާއްސަ ފުރުސަތުތައް ދޭންޖެހޭ ކުދިން. އެފަދަ ކުދީންނަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެމުން އެބަ ގެންދަން. މިފަދަ މުބާރާތެއްގައި އެ ކުދިން ބައިވެރިވެ ވަނަ ހާސިލް ކުރުމަކީ އެކުދީންނަށް ވެސް އެކި ރޮނގުތަކުން ކުރިއަށް ދިޔުމުގެ ފުރުސަތު އޮތްކަން ހާމަވެގެންދާ ކަމުގެ ކުލަގަދަ ދަލީލެއް،" ރައީސް ވިދާޅުވި އެވެ.
މިރޭގެ ހަފްލާގައި ރައީސް ވަހިދު ވަނީ ގުރުއާން ހިތުދަސް ކުރެއްވި ހަތަރު ފަރާތަކަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ދެއްވާ ހާފިޒު ކަމުގެ ތާޖާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް ހަވާލުކޮށްދެއްވާފަ އެވެ.
އެ ފަރާތްތަކަކީ ނ. ކުޑަފަރީ ކްރައިމާ، އަބާން އަބްދުﷲ އާއި ލ. ގަން ތުނޑި، އުލާ، އަބްދުލްޣަފޫރު އަބްދުއްރައޫފް އާއި މ. ޝާރިއުވާދީ ހުސްނާ ހުސައިން އާއި މާލޭ ދަފްތަރު 1936 ޚަދީޖާ އިބްރާހީމް އެވެ. ރައީސް ވަނީ އެ ހަތަރު ފަރާތްތަކަށް ވެސް ތަހުނިޔާ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މިހާރު ހިންގާ 500 ހާފިޒުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި ވިދާޅުވީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ގުރުއާން ހިތުދަސް ކުރަން ހިންގާ އެކި ކްލާސްތަކުގައި މިހާރު ވެސް 350 މީހުން ބައިވެރިވެފައިވާ ކަމަށާއި އެއީ އެމަނިކުފާނު އުފާ ކުރައްވާ ކަމެއް ކަމަށެވެ.
ކީރިތި ގުރުނާ ބެހޭ މަރުކަޒުން ކުރަމުން ގެންދާ މަސައްކަތުގެ އަގުވަޒަންކޮށް ރައީސް ވަނީ އެ މަރުކަޒުގެ ޑިރެކްޓަރު އަބްދުލް އަޒީޒް ހުސައިން އަށާއި މުދައްރިސުންނާއި މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.
ގައުމީ ފެންވަރުގައި ބާއްވާ ގުރުއާން މުބާރާތްތަކުން މަތީ ވަނަ ހޯދާ މީހުންގެ ގުރުއާން ކިޔެވުމުގެ އަޑު އިވޭލެއް މަދު ކަމަށާއި މިކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންނާއި އަދި އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކުންނާއި މިޑިއާ އިންނާއި އަމިއްލަ ފަރާތްތަކުން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރޭޑިއޯ ޓީވީ ތަކުން އެފަދަ ފަރާތްތަކަށް ފުރުސަތު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
މިރޭގެ ހަފްލާގައި އެ މުބާރާތުން ތަފާތު އެކި ވަނަ ތަށް ހާސިލްކުރި ފަރާތްތަކަށް ވަނީ ތައްޓާއި އިނާމް ހަވާލުކޮށްފަ އެވެ.